ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާ - 1


ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާއާއި ގުޅޭގޮތުން ތިރީގައި ބަޔާންކުރާ ބައެއް މަރުޙަލާތައް އެއްވެސް ދައްޗެއްނެތި ފެންނަން އެބަ ހުއްޓެވެ.

1- ދިވެހިތާރީޚު ފޮތުގެ 75ވަނަ ޞަފުޙާ
ދެއްވަދޫ ރަދުންގެ ދުވަސްވަރު އެރަދުންދެއްވި މަޤާމެއްގެ ވާހަކައެވެ.
"އެރަދުންގެ ބޮޑުދައިތާގެ އަންހެންދަރިޔެއްގެ ފިރިހެންދަރިޔަކަށް ފާމުލަދޭރިކަން ދެއްވިޔެވެ. މީނާޔަށް އިބްރާހީމް ފާމުލަދޭރި ތަކުރުފާނެވެ ކިޔަތެވެ. އަދި މީނާޔަށް ލޮންސިކޮއްޓެއްގެ އެދުރުކަން ވެސް ދެއްވި އެވެ."
(މަތީގައިވާ ލިޔުމުން ދެއްވަދޫ ރަދުންގެ ބޮޑުދައިތާއަކާއި އެދައިތާގެ އަންހެންދަރިއެއްގެ އިބްރާހީމް ފާމުލަދޭރި ތަކުރުފާނު ފެނެއެވެ. އެއްވެސްމީހެއްގެ ބޮޑުދައިތައަކީ އެމީހަކާއި އެއްބަނޑުއެއްބަފާ، ނޫނީ އެއްބަނޑު، ނޫނީ އެއްބަފާމީހަކަށް ނުވާނެއެވެ. އެހެންވީމާ، ދެއްވަދޫ ރަދުންގެ މި ބޮޑުދައިތާއަކީ، އެރަދުންގެ ކޮން ބޮޑުދައިތާއެއް ކަމެއް ލިޔުމުގެ ޢިބާރާތުން އެނގެންނެތް ކަމަށް ވިޔަސް މި ބޮޑުދައިތައަކީ ދެއްވަދޫ ރަދުންނާއި އެއްބަނޑު ކަމަނާ އަކަށް ނުވާނެކަމަށް އެނގެއެވެ.) 

2- ދިވެހިތާރީޚު ފޮތުގެ 79ވަނަ ޞަފުޙާ
ދެއްވަދޫ ރަސްގެފާނު އަވަހާރަވީ އާލާސްކަންފުޅުގައި އޮންނެވި އިރެވެ.
"ރަސްގެފާނުން ބޮޑު އާލާސްކަންފުޅެއްގައި ޖެހިވަޑައިގެންފިއެވެ. އެއާލާސްކަންފުޅުގައި އޮންނަވަނިކޮށް ކުރެންދޫ ޢަލިޚަޠީބު ތަކުރުފާނާއި، އިސްދޫ ޢަލީ ވެލާނާ ތަކުރުފާނާއި ރަސްގެފާނުންގެ އަރިހަށްގޮސް ރަސްގެފާނުންގެ އެއްބަނޑު ކަމަނާއަށާއި، އެ ކަމަނާގެ ދަރިކަލުން ޢަލިޚަޠީބު ތަކުރުފާނުންނާއި، އެ ކަމަނާގެ ފިރި އިބްރާހީމް ފާމުލަދޭރި ތަކުރުފާނަށާއި ރަސްގެފާނުން ކޯފާއިސްވާނޭ ވާހަކައެއްދައްކައި އެމީހުން ރަދުން އަރިއަހަށް ނުވަނުމަށް އަމުރުކުރެއްވިއެވެ. މީގެ އިހަށް ރަދުން ހިތްތަވައިގެން ހުންނެވީ މިބުނި ޢަލިޚަޠީބު ތަކުރުފާނަށް ރަސްކަން ދެއްވާންކަމަށެވެ.
ދެން އެމީހުން ނުވަނުމަށް އަމުރުކުރެއްވުމަށްފަހު ރަސްގެފާނުން އަވަހާރަވަންދެން ކުރެންދޫ ޢަލިޚަޠީބު ތަކުރުފާނާއި އިސްދޫ ޢަލީ ވެލާނާ ތަކުރުފާނާއި ސަންފާ ކަނބާފާނާއި އެރަސްގެފާނު އަރިއަހުގައި ތިބޫއެވެ. ދެން އަވަހާރަވުމަށްފަހު ޢަލީ ވެލާނާ ތަކުރުފާނުން ނުކުންނަވައި ބުނުއްވިޔެވެ. ރަދުން ވިދާޅު ބަސްފުޅު އިއްވެވިއެވެ. ރަދުންގެ އެއްބަޑު ކަމަނާޔާއި، އެކަމަނާގެ ދަރިކަލުންނާއި، އިބްރާހީމް ފާމުލަދޭރި ތަކުރުފާނާއި، ރަންނަބަޑޭރި ތަކުރުފާނާއި، އޭނާގެ މައިކަމަނާޔާއި، މިއެންމެން ދެއްވަދުވަށް އަރުވާލަހަރޭ. ދެން މިމަގަށް މިކަންތައްކޮއްފޫއެވެ. އެމީހުން މާލޭން ބޭރުވުމަށްފަހު ރަދުން އަވަހާރަވީކަން މީހުނަށް އެމީހުން އެންގިއެވެ." 
(މަތީގައިވާ ގޮތަށް ދިވެހިތާރީޚު ފޮތުގައި ލިޔެފައިވުމުން ދެއްވަދޫ ރަސްގެފާނުންގެ އެއްބަނޑު ކަމަނާ އަކާއި، އެކަމަނާގެ ދަރިކަލުން ޢަލިޚަޠީބު ތަކުރުފާނާއި، އަދި އެކަމަނާގެ ފިރިކަލުން އިބްރާހީމް ފާމުލަދޭރި ތަކުރުފާނު ވެސް އެބަ ފެނެއެވެ. އަދި ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން އެރަދުންގެ އެއްބަނޑު ކަމަނާއާއި، އެކަމަނާގެ ދަރިކަލުން ޢަލިޚަޠީބާއި، އެކަމަނާގެ ފިރިކަލުން އިބްރާހީމް ފާމުލަދޭރި ތަކުރުފާނު ދެއްވަދުއަށް އަރުވާލެއްވިކަން ވެސް އެނގެއެވެ.)

3- ދިވެހިތާރީޚު ފޮތުގެ 146ވަނަ ޞަފުޙާ
އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރެވެ.
"ދެއްވަދޫ ރަސްގެފާނުންގެ ދައިތާގެ ދަރި ޢަލީޚަޠީބުގެ ދަރިޔަކާއި، ރަސްގެފާނު ކައިވަނި ބައްލަވައިގެންނެވިއެވެ." 
(ދެއްވަދޫ ރަސްގެފާނުގެ މި ދައިތާއަކީ، އެ ރަސްގެފާނުގެ ކޮން ދައިތާއެއްކަމެއް ލިޔުމުގެ ޢިބާރާތުން ނޭނގެއެވެ. ނަމަވެސް ދެއްވަދޫ ރަސްގެފާނުންގެ ދައިތާގެ ދަރި ޢަލީޚަޠީބުގެ ދަރިޔަކާއި، ރަސްގެފާނު ކައިވަނި ބައްލަވައިގެންނެވި ކަމަށް ލިޔެފައިއެވާ ރަސްގެފާނަކީ އިބްރާހީމް ރަސްގެފާނު ކަމަށް ތާރީޚުފޮތުން އޮޅުމެއްނެތި އެނގެއެވެ. އެއީ އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރެވެ.)

4- ދިވެހިތާރީޚު ފޮތުގެ 148ވަނަ ޞަފުޙާ
"މިއަހަރުމެ (1143ހ.) ދެއްވަދޫ އިސްމާޢީލްގެ ފުތް ދަންނަ ޚަޠީބު ތަކުރުފާނު ނިޔައުވެއްޖެއެވެ. މީނާ މިއީވެސް ޙަސަން ތާޖުއްދީންގެ ދަރިވަރެކެވެ. އެއީ ރަބީޢުލްއާޚިރު މަހު ތޭރަވީ ބުރާސްފަތި ދުވަހުއެވެ. ދެން ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލީޔަށް ޚަޠީބުކަން ދެއްވެވިއެވެ. ދެއްވަދޫ ރަސްގެފާނުންގެ ޙަޔާތްފުޅުގައިވެސް މީނާ ޚަޠީބުކަމުގައި ހުންނެވިޔޭ. ދެއްވަދޫ ރަސްގެފާނުން އަވަހާރަވުމަށްފަހު ޢަލިރަސްގެފާނުންގެ ރަސްކަމުގައި މީނާ އަރުވާލެއްވެވިޔޭ"
(ދެއްވަދޫ ރަސްގެފާނުންގެ ދައިތާގެ ދަރި ޢަލީޚަޠީބުގެ ދަރިޔަކާއި، އިބްރާހީމް ރަސްގެފާނު ކައިވަނި ބައްލަވައިގެންނެވި ކަމަށް ތާރީޚުފޮތުގެ 146 ވަނަ ޞަފުޙާގައި (ނަމްބަރ 3ގައި)  ލިޔުމަށްފަހު، ތާރީޚުފޮތުގެ 148ވަނަ ޞ. ގައި ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލީޔަށް ޚަޠީބުކަން ދެއްވިކަމަށް ލިޔެފައިވުމުން ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ މި ޢަލިޚަޠީބަކީ މަތީގެ ނަމްބަރ 3ގައި ބުނެފައިވާ ޢަލިޚަޠީބު ކަމަށް އެނގެއެވެ. އޭގެއިތުރަށް އެނގެނީ، ދެއްވަދޫ ރަސްގެފާނުންގެ ޙަޔާތްފުޅުގައިވެސް މި ޢަލިޚަޠީބު، ޚަޠީބުކަމުގައި (މާލޭގެ ޚަޠީބުކަމުގައި) ހުންނެވިކަމާއި، އަދި ދެއްވަދޫ ރަސްގެފާނު އަވަހާރަވުމަށްފަހު، ޢަލިރަސްގެފާނުންގެ ރަސްކަމުގައި މި ޢަލިޚަޠީބު އަރުވާލެއްވި ކަމެވެ.) 

5- ދިވެހިތާރީޚު ފޮތުގެ 156ވަނަ ޞަފުޙާ
"ޖުމާދިލްއާޚިރު މަހު ހަޔެއްވީ ބުރާސްފަތި ދުވަހު ޢަލިޚަޠީބު ނިޔައުވިޔޭ" 
(ނަމްބަރ 3، އަދި 4ގައި ބުނެފައިވާ ޢަލިޚަޠީބު ނިޔައުވީއެވެ. ދެއްވަދޫ ރަސްގެފާނުގެ ކޮން ދައިތާއެއް ކަމެއް ނޭނގޭ ދައިތާއެއްގެ ދަރިކަލުން ޢަލިޚަޠީބެވެ.)
އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރު "ދެއްވަދޫ ރަސްގެފާނުންގެ ދައިތާގެ ދަރި ޢަލީޚަޠީބުގެ ދަރިޔަކާއި، އިބްރާހީމް ރަސްގެފާނު ކައިވަނި ބައްލަވައިގެންނެވި ވާހަކަ ތާރީޚުފޮތުގެ 146ޞ. ގައި ލިޔުމަށްފަހު، އެފޮތުގެ 148ޞ. ގައި ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލީއަށް ޚަޠީބުކަން ދެއްވިކަމަށް ލިޔުމަށްފަހު، އެފޮތުގެ 156ވަނަ ޞ.އާއި ހަމައަށް އެއްވެސް ޞަފުޙާއެއްގައި ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލިޚަޠީބު ފިޔަވައި އެހެން އެއްވެސް ޢަލިޚަޠީބެއްގެ ވާހަކަ ލިޔެފައި ނުވަނިކޮށް "ޖުމާދިލްއާޚިރު މަހު ހަޔެއްވީ ބުރާސްފަތި ދުވަހު ޢަލިޚަޠީބު ނިޔައުވިޔޭ" ތާރީޚުފޮތުގެ 156ވަނަ ޞ. ގައި ލިޔުމުން މި ނިޔައުވި ޢަލިޚަޠީބަކީ، ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލިޚަޠީބު ކަމަށް އެނގެއެވެ.
މިހެންމެ، "ޖުމާދިލްއާޚިރު މަހު ހަޔެއްވީ ބުރާސްފަތި ދުވަހު ޢަލިޚަޠީބު ނިޔައުވިޔޭ" މިގޮތަށް ތާރީޚުފޮތުގެ 156ވަނަ ޞ.ގައި ލިޔެފައިވަނީ 1152ހ. ވަނަ އަހަރު ހިނގި ކަންކަމެއް ލިޔެ ހާމަކޮށްދިނުމުގެތެރޭ ކަމަށް ވުމުން، މި ޢަލިޚަޠީބު ނިޔައުވީ 1152ހ. ވަނަ އަހަރުގެ ޖުމާދިލްއާޚިރު މަހު ހަޔެއްވީ ބުރާސްފަތި ދުވަހު ކަމަށް ވެސް އެނގެއެވެ.)

6- މާލޭ ހުކުރު މިސްކިތް ފޮތުގެ 389ވަނަ ޞަފުޙާ
މަހާނަގަލެއްގެ ލިޔުމެކެވެ.
"ހިޖުރައިން އެކުސާސްތުރަ އެކުސައްތަ ބާވަންނަ އަހަރެތެރޭ އައްސުލްޠާނު އިބްރާހީމް އިސްކަންދަރު ރަންނަވަލޯކަ މަހާރަދުންގެ އޮނަވިހިވަނަ އަވެރު ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން ބޮޑުމަނިކުފާނުން ބަޑުން އުފަން ދެއްވަދޫ ޚަޠީބު މަނިކުފާނުން، ޖުމާދިލްއާޚިރު މަހު ހަވަނަވީ ބުރާސްފަތި ދުވަހު ފުރައުއްތަވީކަމު ހަނދާން." 
(1152ހ. ވަނަ އަހަރު ޖުމާދިލްއާޚިރު މަހު ހަވަނަވީ ބުރާސްފަތި ދުވަހު، ދެއްވަދޫ ރަދުންނާއި "އެއްކިހުނުފަން" ބޮޑުމަނިކުފާނުގެ "ބަނޑުން އުފަން"ދެއްވަދޫ ޚަޠީބު މަނިކުފާނު ފުރައުއްތަވީ ކަމަށް އެނގުމުން، މިލިޔުމުގެ މަތީގައިވާ ނަމްބަރ 5،4،3،2ގައި ލިޔެފައިވާ ޢަލިޚަޠީބަކީ، މި މަހާނަގަލުގައި ލިޔެފައިވާ ދެއްވަދޫ ޚަޠީބު މަނިކުފާނު، ނުވަތަ ޢަލިޚަޠީބު ކަމަށް އެނގެއެވެ.) 

މިހިސާބަށް އާދެވުމުން: 

ހ- ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާއާއި، އަދި އެފޮތުގައި ލިޔެފައިވާ އެރަސްގެފާނުގެ ދައިތާއަކީ އެއް ބޭފުޅަކަށްވެ، އަދި މިބޭފުޅަކީ، މާލޭ ހުކުރު މިސްކިތް ފޮތުގެ 389ވަނަ ޞ.ގެ މަހާނަގަލުގައި ލިޔެފައިވާ ދެއްވަދޫ ރަދުންނާއި "އެއްކިހުނުފަން" ބޮޑުމަނިކުފާނަށްވީ އެވެ.

ށ- ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާއާއި، އަދި އެފޮތުގައި ލިޔެފައިވާ އެރަސްގެފާނުގެ ދައިތާއަކީ އެއް ބޭފުޅަކަށްވެ، މިބޭފުޅެއްގެ ދަރިކަލުން ޢަލިޚަޠީބަކީ، މާލޭ ހުކުރު މިސްކިތް ފޮތުގެ 389ވަނަ ޞ.ގެ "ބަނޑުން އުފަން" ދެއްވަދޫ ޚަޠީބު މަނިކުފާނަށްވީ އެވެ.

ނ- މާލޭ ހުކުރު މިސްކިތް ފޮތުގެ 389ވަނަ ޞ.ގެ މަހާނަގަލުގައި ލިޔެފައިވާ ދެއްވަދޫ ރަދުންނާއި "އެއްކިހުނުފަން" ބޮޑުމަނިކުފާނަކީ، ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނަށްވީ އެވެ. (ނުނިމޭ)
                 -------------------
ޢަބުދުﷲ ޙިލްމީ
24 ނޮވެމްބަރ 2012މ.