ޙާޖީބަންޑާރައިންގެ ޚިދުމަތްތެރި ޢާއިލާ އިން އިބްރާހިމް ފާމްލަދޭރި ކިލެގެފާނު













ދިވެހީންގެ ތާރީޚަށްޓަކައި ލިޔަންޖެހޭ އެއްޗެއް ދިވެހީން ނުލިޔާނަމަ ދެން ލިޔާނީ ކޮން ބަޔެއްތޯއެވެ؟ އިބުނު ބަޠޫޠާ އާއި ޕިރާޑު ކަހަލަ ބޭރުގެ ބޭފުޅުންތޯއެވެ؟ މިއީ އެ ދުވަހެއްނޫނެވެ. ނިމިދިޔަ ޖީލުތަކުން ލިޔަންޖެހި ނުލިޔެވި ހަނދާނުގައި ހުރި ގިނަކަންކަމާ އެކު ޖީލަކަށްފަހު ޖީލެއް ދުނިޔެ ދޫކޮށްފި އެވެ. ދިވެހީންގެ ތާރީޚަށްޓަކައި ލިޔަންޖެހޭ އެ ޖީލުތަކުގެ ގިނަ ޚިދުމަތްތައް ނުލިޔެވުނީ ލިޔަންޖެހޭ ބަޔަކަށް ލިޔެވޭނޭ ވަސީލަތް މަދުވުމުންނެވެ. ނުވަތަ ނެތުމުންނެވެ. ލިޔެވުނުބަޔަކަށް ލިޔެވުނު އެއްޗެއް އޮތް ނަމަ އެ އެއްޗެއް އެހެންބަޔަކަށް ނުފެނުނީ އެ ހިސާބަށް އެ ލިޔުމެއް ފޯރުކޮށްދެވޭނޭ "އެކަށީގެންވާ މަގެއް" ނުފެނުމުންނެވެ. އެފަދަ ބައެއް ލިޔުންތައް ނެތިދިޔަ އެންމެބޮޑު ސަބަބަކީ ލިޔުނުގޮތަށް "މަތާރަންފިލާ" މަތީ ހުރެ އެ އެއްޗިއްސަށް ހިރަފުސްބުރައި އެންމެފަހުން ކަތުރުފަނީގެ ޝިކާރައަކަށް ވުމުންނެވެ. މިއަދަކީ "އެކަށީގެންވާ މަގެއް" މަތިނުވެ މުހިއްމު ތާރީޚީ ލިޔުންތަކެއް ނެތިގެން ދާންޖެހޭ ދުވަހެއްނޫނެވެ. މިދުވަހަކީ ތާރީޚަށްޓަކައި މަޢުލޫމާތަށްޓަކައި ޢިބުރަތަށްޓަކައި ލިޔެވުނުއެއްޗެއް މުޅި ދުނިޔެއަށް ފެންނަ ހިސާބަށް ވެސް ގެނެސްދެވިދާނެ ދުވަހެކެވެ. އެހެންވުމުން އެނގޭމީހަކު ނޭނގޭމީހަކަށް ބުނެދީގެން ނަމަވެސް މިކަން ކުރަންޖެހޭ ކަމަށް ބަލަމާތޯއެވެ. ލިޔުމުގައި ދައްޗެއް އުޅޭނަމަ އެފަދަ ދައްޗެއް ނެތް މީހަކާހަމަޔަށް އެކަމެއް ގެންގޮސްދީގެން ވިޔަސް ތާރީޚީ މަޢުލޫމާތްތައް ހާމަކުރަމާތޯއެވެ! މިހެންވެގެންނޫނީ އެ ދުވަހެކޭ މި ދުވަހެކޭ ވާނީ އެއްވަރެވެ.

މިއީ މާޟީގެ ފަތްފުށްތަކުން ފާހަގަކުރެވޭ ޝަޚުޞިއްޔަތަކާ ގުޅުން ހުރި ޞަފުޙާއެކެވެ. މިފަދަ ޞަފުޙާތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ހުންނާނެ އެއްޗިއްސެވެ. ނަމަވެސް މިފަދަ ޞަފުޙާތައް ފެންނާނީ "ދެއްކީމަ" އެވެ. މާޟީ ފެންނާނީ ބެލޭނޭގޮތެއް ވީމާ ބެލީމަ އެވެ. އެކަމާ އުޅެގެންނެވެ. މިއީ ކުރަންޖެހޭ ކަމެކެވެ. ހަލަބޮލި ވިސްނުމުގެތެރޭ ޙަޔާތުގެ ވަގުތުތައް ހޭދަކުރުމުގެ ބަދަލުގައި އަންނަން އޮތް ޖީލަށްޓަކައި ވިޔަސް މާޟީގެ ފަތްފުށްތަކުން ބޭނުންތެރި ޢިބްރަތެއް ޙާޞިލްވަނިވި ޞަފުޙާއެއް ލިޔެލައި ބަލައި ކިޔައިލުމަކީ ވެސް އެންމެރަނގަޅު ކަމެކެވެ. މިއަދަކީ އެދުވަހެވެ. މިތާނގައި ލިޔާ އެއްޗެއް ލިޔާ މީހަކު ބޭނުންނަމަ ހަމަ ވަގުތުން އެއްވެސް ދައްޗެއް ނެތި ދުނިޔޭގެ ކޮންމެތާކަށް ވެސް ފެންނާނޭ ދުވަހެވެ.

[ދޮންބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރާއި ޙާޖީ ބަންޑާރައިންގެ ރަސްކަމުގެދުވަސްވަރު ދެ ބޭފުޅުންގެ ޢާއިލީ ހަމަނުޖެހުން ތަކެއް ހިނގާފައިވީ ނަމަވެސް އޭގެ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ވަރަށްބޮޑަށް ޤަދަރާއި އިޙްތިރާމް އަދާކުރެއްވި ކަން ތާރީޚުން ސާބިތުވެ އެވެ.]

[ޙާޖީ ބަންޑާރައިން ރާއްޖެއަށް ވަޑައިގަތުމުން އެ މަނިކުފާނު ޝަހީދުކުޅަ ޙާދިސާ ހިންގި އިރު ދިވެހި ތަޚުތުގައި އިންނެވީ ޢުމުރުފުޅުން ގާތްގަޑަކަށް 20 އަހަރުގެ މުޢިއްޒުއްދީން ރަދުންނަށް ވިޔަސް އެ ރަދުންގެ އަރިހުގައި ރަސްކަން ހިންގަވައި ދެއްވުމުގެ ބާރުގައި ހުންނެވީ އޭގެ ކުރީގެ ރަދުން ޝަމްސުއްދީން(2) ކަމަށް އެ ދުވަސްވަރުގެ ގިނަ މީހުން ޤަބޫލުކުރެ އެވެ. ޙާޖީ ބަންޑާރައިން ޝަހީދު ކުޅައުމުގެ ކަންތައްތައް ހިންގެވުމުގެ އިސް ރޯލެއް އަދާކުރެއްވީ މުޙައްމަދު ފާށަނާ ކިލެގެފާނުކަމަށް ޤަބޫލު ކުރެވުމުގެ ފުރުޞަތު ބޮޑުކަމާ އެކު މުޢިއްޒުއްދީން ރަދުންނަކީ އޭރު ހަމަ އެކަނި "ހުންނެވި" ރަސްކަލެއް ކަމަށް އިބްރާހީމް ރަސްގެފާނު (ޙާޖީ ބަންޑާރައިންގެ ބައްޕާފުޅު) ގެ ޢާއިލާގެ ބައެއް ބޭފުޅުން އެ ދުވަސްވަރު ދެކިވަޑައިގަތް ކަމަށް ވެސް ބުނެވެ އެވެ.]

ރަސްކަލަކު ރަސްކަމުގެތަޚުތުގައި އިންނެވި ނަމަވެސް އެ ތަޚުތުގެފަހަތުން ފަރުދާގެ ފުރަގަހުން ހިނގާ ކަންކަމުގައި އެ ރަސްކަލެއްގެ މުޅި ދައުރެއް އޮވެދާނެ ނޯވެދާނެ ގޮތަކާމެދު ރަނގަޅަށް ފުންކޮށް ވިސްނައިލަން ޖެހެ އެވެ. އެފަދަ ކަންކަމެއް ހިނގާ އިރު އެ ބޭފުޅަކަށް މުޅިން އެނގިވަޑައިނުގަންނަވާ މުޅިން ބޭނުންފުޅު ނުވާ ކަންކަން ވެސް ހިނގައި ނިމިފައި ހުރެ އެވެ.

[ޙާޖީ ބަންޑާރައިންނަކީ ޢާއްމު ރައްޔިތުންގެ ލޯބި މަތިވެރި ދަރަޖައަކަށް ލިބިވަޑައިގެންނެވި ބޭފުޅެއްކަމާއި އެރަދުންނާއި މީސްތަކުން ޤަބޫލުކަމާއި އެރަދުންގެ މަތިމަތިކޮޅުން ދިޔަމިގިލީ ވަންހައިގެ ހެވަތާއި ފަސޭހަތައްލިބިފައިވާ މީހުން ރާއްޖޭގައި ގިނަކަން މިއީ ރާއްޖޭގެތާރީޚުގެ ޞަފުޙާތަކުން އެނގޭ ކަންކަމެވެ. މިހެންވީއިރު އިސްލާމުން ދެރަވެ ކަރުނައަޅަންޖެހޭ ފަދަ ލަދުވެތި ހުތުރު އަނިޔާވެރި ގޮތަކަށް ޙާޖީ ބަންޑާރައިން ޝަހީދުކުޅައުމުން ދިވެހި ޢާއްމުރައްޔިތުންގެ ގިނަ ބަޔެއްގެ ހަމްދަރުދީއާއި ހިތުގެލޯބި ދެން ފުރޮޅިގެންދިޔައީ ޝަހީދުކުޅަ ބަންޑާރައިންގެ ދަރިކަލުންނަށެވެ.]

ދިވެހި ރައްޔިތުންގެ ލޯބި މަތިވެރި ދަރަޖައަކަށް ލިބިވަޑައިގެންނެވި ބޭފުޅަކު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ފަހު ވަޠަނަށް އެނބުރިވަޑައިގަތުމާ އެކު އަނިޔާވެރިގޮތަކަށް ކަނޑުލައި ޝަހީދުކުޅައުމަކީ އެދުވަސްވަރު ދިވެހި މަސްރަޙު ހޫނުވާނެ ސަބަބެކެވެ. ހޫނުވާން އޮތް ސިފައެއްގައެވެ. ތެދުފުޅެކެވެ. އެ ހޫނުކަން ރަސްކަމުގެ ކޮއިލުތެރޭ ދާންކޮޅުތަކާ ހަމައަށް ބަލާބެލުމަށް މުޅިން ނުފޯރަ އެވެ. ނަމަވެސް ވިސްނުމުގެހަމަތަކުން ބަލާއިރު ރަސްކަމުގެކޮއިލުގެ ފުރާޅާ ފާރުތަކަށް އޭގެ ޒާތުގައި އެ ހޫނު އިޙްސާސް ކުރެވޭނެކަމަށް ޤަބޫލުކުރެވެއެވެ. އެހެންވުމުން މަސްރަޙު ފިނިކުރައްވައި އަމާން ވެށްޓެއް ގާއިމުކުރެއްވުމަށްޓަކައި "ހިރިޔާ ފާތުރާގެ" ދަށުން އެޅުއްވީ އެހިނދަށް ބޭނުންތެރި ފިޔަވަޅެއްކަމަށް ބެލެވެ އެވެ. ޝަހީދުކުޅަ ބަންޑާރައިންނާއި އެއްބަނޑު އެއްބައްޕަ ކޮއްކޯފުޅު ސަންފާ ރަންދިކަނބާފާނުގެ ދަރިކަނބަލުން އާމިނާދީދީ އާއި މުޢިއްޒުއްދީން ރަދުން ކައިވެނިފުޅު ކުރެއްވުމެވެ. މަސްރަޙު ފިނިކުރެއްވޭތޯ ބެއްލެވުމެވެ. މިހެން ހެއްދެވުމުން އެދުވަސްވަރުގެ ނުފޫޒު ގަދަ ދެ ޢާއިލާއެއްގެ ހޫނުކަން ކުޑަވެ "ތާފަނާ" ކަމެއް އަންނާނެ ކަމަށް ބުއްދި ގަބޫލުކުރެ އެވެ. އެއީ ދިޔަމިގިލީ ޢާއިލާއާއި އިސްދޫ ޢާއިލާ އެވެ.

މުޢިއްޒުއްދީން ރަދުން ކައިވެނިފުޅުކުރެއްވި އާމިނާ ދީދީ (ދޮންބީނާގޭ އާމިނާދީދީ)ގެ ބައްޕައަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަންހޮޅި ހަކުރާމަނިކުފާނުގެ ވީރު ޢަލިދޮށިމޭނާ ކިލެގެފާނެވެ. މަންމައަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު މާވާކިލެގެފާނުގެ ޢާއިޝާ ކަނބާފާނުގެ ސަންފާ ރަންދިކަނބާފާނެވެ. ސަންފާ ރަންދިކަނބާފާނުގެ މަންމާފުޅު ޢާއިޝާ ކަނބާފާނާއި ވީރު ޢަލިދޮށިމޭނާ ކިލެގެފާނާ މިއީ ދެބެންގެ ދެދަރި ބޭފުޅުންނެވެ.

މުޢިއްޒުއްދީން ރަދުންގެ ވިސްނުންތެރި ނިންމެވުމަށް 5 އަހަރެއްހާ ދުވަހުގެތެރޭ އެ ރަދުން ފުރައުއްތަވީ އެވެ. އެހެންވުމުން އެއްކަލަ "ތާފަނާ"ވި ފެން އަނެއްކާ ހޫނުވެ ދުން އަރައިފާނެތީވެ ވިޔަސް އެނޫންގޮތެއް ވިޔަސް މުޢިއްޒުއްދީން ރަދުންނަށް ފަހު ތަޚުތުގައި އިންނެވި އެރަދުންގެ ކޮއްކޯފުޅު ޙަސަން ނޫރައްދީން(1) ގެ ރަސްކަމުގައި ޙާޖީ ބަންޑާރައިންގެ ދަރިކަލުންނަށް ފާމުލަދޭރި ކިލެގެ ކަން ދެއްވި އެވެ. އަދި އޭގެ އިތުރަށް ހުވަދޫ ކަނޑުން ދެކުނު އަތޮޅުތަކުގެ ބޮޑެތި ބާރުތަކެއް ވެސް އެ ކިލެގެފާނަށް ދެއްވި އެވެ. މިއީ މަސްރަޙަށް ވެދާނެގޮތަކަށް ބައްލަވައި އެ ރަދުންގެ އެޅުއްވި ބުއްދިވެރި ހަރުދަނާ ފިޔަވަޅެއްކަމަށް ގަބޫލުކުރުމުގެ ފުރުޞަތު ބޮޑެވެ. މިއީ އެ ދުވަސްވަރަށް ބަލާއިރު ކޮންފަދަ ބޮޑު ބާރުތަކެއްތޯ އެވެ. ކޮންފަދަ ބޮޑު އިމްތިޔާޒުތަކެއްތޯ އެވެ. އެއީ ދިވެހިރާއްޖޭގެ ރަދުން ފިޔަވައި އެއްވެސްމީހަކަށް އެއްވެސްއިރަކު ލިބިދިން ކަން އެނގެން ނެތް ބާރާ އިމްތިޔާޒެކެވެ. ދެކުނުގެ ތިން އަތޮޅުގެ ކަތީބު މުދިން ނައިބުކަމާއި ގޮއިފާލައްބަ ހިންނަފަދަ ތަންތަން މީސްމީހުންނަށް ދީ ވަކިކުރުމާއި ވާރަށްނެގޭ ބަޔާއި ކަނޑުންހޮވައި ލައްގާ މާވަހަރުފަދަ ތަކެތި ބޭނުން ކުރުމާ ނުކުރުމުގެ ހުއްދަ ވިދާޅު ބަސްފުޅާ އެކިލެގެފާނާ މަތިކޮށް ފަތްކޮޅު ދެއްވުމެކެވެ. ރާއްޖޭގެ މާޟީވެދިޔަ އަހަރުތަކަށް ބަލާއިރު މިއީ އާދައިގެ ކުޑަކުޑަ ކަންކަމެއް ނޫނެވެ.  

އެދުވަސްވަރު ރާއްޖޭގެ ރައްޔިތުންގެ މާ ބޮޑު ފުދުންތެރިކަމެއް ނެތް ޙާލުގައި އެބައިމީހުން ކުރަމުން ދިޔަ މަސައްކަތްތަކުން ނެގޭ ވާރުގެ ބައި (މިސްކިތްތަކަށް އޮންނަ ރަސްބައި ފިޔަވައި) ވެރިކަމުގެފަރާތުން ނުނަންގަވައި ހުއްޓަވައިލެއްވުމަކީ ރައްޔިތުން އެހާތަނަށް ވެސް ނުދެކޭފަދަ އުފާވެރި ދިރިއުޅުމެއް އެބައިމީހުންނަށް ލިބޭނެ ކަމެކެވެ. މިއީ ތިލަދުންމަތީގެ ރައްޔިތުންނަށް ވިޔަސް ކޮޅުމަޑުލު ރައްޔިތުންނަށް ވިޔަސް ރައްޔިތުންކަމަށް ވާނަމަ މިކަން އޮންނާނީ މިހެންނެވެ. މީގެ އިތުރަށް އޭގެކުރިން އެބައިމީހުންގެ ގޮއިފާލައްބަ ހިންފަދަ ގިނަ ތަންތަނަކީ (ފަޅުރަށްރަށެކޭ އެއްގޮތަށް) މާލޭގެ ރަސްކަމުގެތެރެއިން މާލޭގެ ބާރުގަދަ ބޮޑުންނަށް ފެނިވަޑައިގަތް ފަރާތަކަށް ދެއްވާފައި އޮތް އެއްޗަކަށްވާތީ އެތަންތަނުގެ ފައިދާއަކަށްވާ ހުރިހާ ފައިދާއެއް ވެސް ލިބެމުންދިޔައީ އެ ފަރާތްތަކަށެވެ. މިކަން ޙައްލުވެ އެބަޔެއްގެ އެއްޗެއް އެބަޔަކަށް ލިބުމަކީ ވެސް ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. ބޮޑު މަންފާއެކެވެ.

މިދެންނެވި ފަދަ ރައްޔިތުންނަށް ލާބައާ މަންފާ ލިބޭ ފަދަ އުފާވެރިކަމެއް ދެކުނު ތިން އަތޮޅުގެ ރައްޔިތުންނަށް ހޯއްދަވައިދެއްވީ އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. ޙަސަން ނޫރައްދީން(1) ވަނަ ރަދުން އެ ކިލެގެފާނަށް ދެއްވި ބާރާ އިމްތިޔާޒުގެ ތެރެއިންނެވެ. އަދި މި އަތޮޅުތަކުގެ ފަޅުރަށްރަށް ވަރުވާގެ އުޞޫލުން (ރަދުންގެ ހުއްދަ ވިދާޅުބަސްފުޅާ އެކު) ދެއްވީ ވެސް އެ އަތޮޅެއްގެ ރަށެއް އެ އަތޮޅެއްގެ ބަޔަކަށެވެ. މިއީ ވެސް ބަޔާންކުރަން ދަތި ވަރަށް ބޮޑެތި މަންފާތަކެއް ރައްޔިތުންނަށް ލިބުނު ކަމެކެވެ. މީގެ އިތުރަށް އެ އަތޮޅުތަކުގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ފަޅުރަށެއް ވެސް ހަމަޖައްސަވައި ދެއްވިކަމަށް ބުނެވެ އެވެ. އެފަދަ ރަށަކުން ލިބޭ އެއްޗެއް އެ ރަށެއްގެ ރައްޔިތުންނަށް ހަމަޔަށް ބައި އެޅޭ ގޮތަށެވެ.

އެ ދުވަސްވަރު ފާމުލަދޭރިކިލެގެފާނު އެޅުއްވި މުހިއްމު ފިޔަވަޅެއްކަމަށް ބުނެވޭ އެއްކަމަކީ މާލޭގެ ރަސްކަމުގެތެރެއިން ބާރުގަދަ ބޭބޭފުޅުންނާއި ގާތްކަމެއް އޮންނަ ބަޔަކަށާއި އަދި ޢާއިލީ ތަރިކައެއް ހެން އެކެއްގެ ދަރި އަނެކާއަށް ނަގުލުވަމުން ދިޔަ ރަށްރަށުގެ ރަށްވެރި(ކަތީބު) ކަމާ މުދިންކަމާ ނައިބުކަން ވެސް އެ ރަށެއްގައި ތިއްބެވި އެކަމަށް ޤާބިލް ބަޔަކީ ކޮބައިތޯ ރަނގަޅަށްބައްލަވައި އެބަޔަކަށް އެކަމެއް ހަމަޖައްސަވައިދެއްވި ދެއްވުމެވެ. ޤާބިލްނޫން ބަޔެއްގެ ކިބައިން އެކަމެއް ވަކިކުރައްވައި އެކަމަކާއި މަތިކުރެއްވީ އެކަމެއްގެ ކުޅެދުންތެރިކަން ހުރި ބަޔަކާ އެވެ. ރަދުންނާއި ފަނޑިޔާރު މަނިކުފާނުގެ "ފަތްކޮޅާއި، ފަތް" އޮންނަ މަގާމެއްނަމަ އެކަންކަން އެފަރާތްތަކުގައި ދަންނަވައިގެން ހަމަޖެއްސެވީ އެވެ. ކިލެގެފާނަކީ ޙައްގުގެމަގުގައި ކުރައްވާ އެއްވެސްކަމެއްގައި ވަކި ނަސްލަކަށް ވަކި ޢާއިލާއަކަށް ވަކި މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއް ނޯންނަ ބޭފުޅެކޭ ބުނެވެ އެވެ. އެދުވަސްވަރު ކިލެގެފާނު މިކަންކަން ކުރެއްވި ވާހަކައަކީ އޭރުއްސުރެ ދެކުނު އަތޮޅުތަކުގައި ޚާއްޞަކޮށް ހުވަދޫގެ މުސްކުޅިން ދައްކައިއުޅުނު ވާހަކައެކެވެ. ހުވަދޫއަކީ މީހުން އުޅޭ ރަށްރަށާއި ފަޅު ރަށްރަށް ވެސް ގިނަ އަތޮޅަކަށްވުމުން މިކަހަލަ އަޑުތައް ގިނަވާނީ ވެސް ހުވަދޫގައިކަމަށް ބެއްލެވުން ހުއްޓެވެ.

ފާމުލަދޭރި ކިލެގެފާނު ހުންނެވީ ފުވައްމުލަކުގައި ކަމަށް ވިޔަސް އެދުވަސްވަރު އައްޑުވާއި ހުވަދުވަށް ވެސް ވަޑައިގެން އެ އަތޮޅުތަކުގައި ވެސް ކަން ހިނގާ ނުހިނގާ ގޮތް ބައްލަވައި ރައްޔިތުންނަށް ދަތިވާ ކަންކަމުގެތެރެއިން ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވި އެވެ. ވިއްސާރަ ވާރޭ މޫސުމުގައި ފުވައްމުލަކުގައި ފެން ބޮޑުވާތީ ފެން ބޭރުކުރުމަށް ފުރަތަމަފަހަރަށް ކާނެއް ހައްދަވައިދެއްވީ ކިލެގެފާނެވެ. "ކިލެގެފާނު އާރު" ކިޔައި އުޅުނީ އެ ކާނަށެވެ. އަދި އެރަށުގެ ހުރަހަށް އެއްފަރާތުން އަނެއް ފަރާތަށް މަގެއް ވެސް ހެއްދެވިއެވެ. އެމަގަށް ކިޔައިއުޅުނީ "ބެރިމަގު މަގު" އެވެ. އައްޑުއަތޮޅުގެ މަޢުލޫމާތެއް އަޅުގަނޑަށް ލިބިފައި ނުވެއެވެ.  

އަހަރަކު ކަނޑައެޅޭ ވަކި ދުވަސްތަކެއްގައި ދެކުނުގެ ތިން އަތޮޅުގެ ވެރިންނާ ބޮޑުންނާ ކަމުވޮށިންނާ އެ އަތޮޅެއްގައި ކިލެގެފާނު ބައްދަލުކުރައްވައި ރައްޔިތުންގެ ކަންކަމާ މަޝްވަރާކުރައްވައި އުޅުއްވިއެވެ. 

ކިލެގެފާނު އަންގަވައިފައި އޮންނަ އެއްކަމަކީ އަބަދުވެސް މީހުންދިރިއުޅޭ ރަށްރަށުގެ ވަލުތެރެއާ ރަށުތެރެ ސާފުތާހިރުކޮށް ބޭއްވުމަށެވެ. މަދުވެގެން ދެ ފޮއިން ފޮޔެއްގައި (ދެ ހަފުތާއިން އެއް ހަފުތާ ގައި) ރައްޔިތުން އެކަންކުރާނަމަ މަސައްކަތުގައި މާ ބޮޑު ދައްޗެއްނުވާނޭކަމަށް ވިދާޅުވާ ކަމަށް ވެއެވެ. އެހެންވުމުން މަދުވެގެން ދެ ހުކުރުން އެއް ހުކުރު ރަށްރަށުގެ ރައްޔިތުން އެމަސައްކަތް ކުރާ ކަމަށް ބުނެވެއެވެ. އަދި މިކަމާއެކު ރަށްރަށުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކުޅިތަކާ ފެންގަނޑުތަކުގައި ފެންބޮޑުވެ ރަށުތެރަށް ނުދާނޭހެން ހެދުމަށް ވެސް ކިލެގެފާނު ބާރު އެޅުއްވިއެވެ.

ފާމުލަދޭރި ކިލެގެފާނަކީ ދެކު ތިން އަތޮޅުގެ ވާރުވެރިންނާ ރަށްވެރިންނާ(ކަތީބުންނާ) މުދިމުން މެދުވެރިކުރެއްވުމެއް ނެތި ސީދާ އޭނާ އަމިއްލަފުޅަށް ވެސް ރައްޔިތުންގެ ޙާލު އަޙުވާލު ބެއްލެވި ބޭފުޅެއްކަމަށް ބުނެވެއެވެ. ކުރިން އެންގެވުމެއް ޚަބަރުކުރެއްވުމެއް ނެތި އައްޑޫ، ހުވަދޫގެ ބައެއް ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ޚާއްޞަކޮށް ނިކަމެތި ފަޤީރުން ތިބި ހިސާބަކަށް ވަޑައިގެން އެއުރެންގެ ޙާލު ބައްލަވައި "އެހީތެރިވެދެއްވައި" އުޅުއްވިކަމަށް ވެސް ބުނެވެއެވެ. އަތޮޅުތަކާ ރަށްރަށުގެ ވެރިންނަށް ކިލެގެފާނު އެންމެގަދައަށް އަމުރުކުރައްވާފައި އޮންނަ އެއްކަމަކީ ނިކަމެތި ފަޤީރު މިސްކީނުންނާއި އަޅައިލައި އެބައިމީހުންނަށް އެހީތެރިވުމަށެވެ. ކިލެގެފާނު ވިދާޅުވާކަމަށް ވަނީ ނިކަމެތި ފަޤީރު މިސްކީނުންނާއި އަޅައިލައި އެހީތެރިވެ ނުދޭ އެއްވެސް ވެރިޔަކަށް ރަދުންނާއި ތިމަންނާގެ އަޅައިލުމެއް ނޯންނާނެއެވެ. މިހެންވުމުން އެދުވަސްވަރު ދެކުނުގެ ތިން އަތޮޅުގެ ވެރިން ވެސް ނިކަމެތި ފަޤީރު މިސްކީނުންނާއި ވަރަށް ބޮޑަށް އަޅައިލައްވައި އުޅުއްވިއެވެ. ބަނޑުފުރާނަ މުއްތިކޮށްދެއްވި އެވެ. އެކަން ނުކުރެވިގެން މީހަކު މަރުވިޔަކަ ނުދެއްވައެވެ.

އޭގެ އަހަރުތަކެއްގެ ފަހުން ފާމުލަދޭރި ކިލެގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރުލިބުމުން ދެކުނު ތިން އަތޮޅުގެ މީސްމީހުން ހިތާމަކޮށް އުޅުނެވެ. ޚާއްޞަކޮށް ނިކަމެތި ފަޤީރު މިސްކީނުންނެވެ. އެބައިމީހުންގެ ލޮބުވެތި "މަދަދުގާރު" ފާމުލަދޭރިކިލެގެފާނު ފުވައްމުލަކުގައި އަވަހާރަވި ހިތްދަތި ޚަބަރު ލިބުމުން ހުވަދުއަތޮޅުގެ ގިނަ ނިކަމެތި ފަޤީރުން ވެސް އެކަމާ ރޮއި ހިތާމަކޮށް އުޅުނޫ އެވެ.

ކުރުގޮތަކަށް ދަންނަވާނަމަ ނޫރައްދީން (1) ރަދުން، ޙާޖީ ބަންޑާރައިންގެ ފާމުލަދޭރި ކިލެގެފާނަށް ދެއްވި ބާރާއި ޚާއްޞަ އިމްތިޔާޒުގެ ދަށުން އެ ކިލެގެފާނު ދެކުނު ތިން އަތޮޅުގައި އެ ހިންގެވީ މީހުން ކިޔައިއުޅޭ ފަދަ އިސްލާމީ ރައްޔިތެއް ބޭނުންވާ އެ ރައްޔިތުންގެ ވެރިކަމެއްގެ ވައްތަރެއްތޯ ނުވަތަ އިސްލާމީ ލާމަރުކަޒީ ނިޒާމުގެ އެއް ސިފައަކީ އެއީ އެއީތޯ އަޅުގަނޑުމެން ވިސްނައިލުމަކީ ވެސް ރަނގަޅުކަމެކެވެ.

ފާމުލަދޭރި ކިލެގެފާނު އެދުވަސްވަރު ހުވަދޫގައި މަޑުކުރައްވާނަމަ ހުންނަވާ މައި ރަށަކީ ވާރުކުރާ (އަތޮޅުވެރިކަން ކުރާ) ރަށެއްނޫނެވެ. ހުވަދޫ މެދުތެރޭ އެތެރެވަރީގެ ރަށެއްކަމަށްވާ ދެއްވަދޫ އެވެ. އެދުވަސްވަރު އެރަށުގައި އެކިލެގެފާނަށް މާފަ (މަންމަގެ ބައްޕަ) ވިދާޅުވާ ބޭފުޅެއްގެ ދިރިއުޅުއްވުން ހަމަޖެހި އޭނާއަށް ބޭފުޅުން ވެސް ލިބިވަޑައިގެންފައި ވެއެވެ. އެއީ އެ ކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝާދީދީ ގެ ބޭފުޅެއްކަމަށްވާ މުޙައްމަދު ދީދީ (ތުއްކަލާ ދީދީ) އެވެ. މި ދީދީގެ ބައްޕައަކީ މުޡުހިރުއްދީން ރަދުންނަށް މުނިކާފަ (ބައްޕަގެ ކާފަ) ވިދާޅުވާ ކޮނޑޭ ޢަލިމަނިކުފާނެވެ.

"ކޮނޑޭ ޢަލިމަނިކުފާނު" މިނަމަކީ "ވާދޫ ދަންނަކަލޭގެފާނު" ފަދަ އެބޭފުޅަކު އުފަންނުވާ އެބޭފުޅެއްގެ ރަށަކަށް ނުވާ ރަށަކާއި ގުޅުވައިގެން ކިޔާ ނަމެކެވެ. ދަންނަކަލޭގެފާނަކީ ވާދޫގެ ބޭފުޅެއްނޫނެވެ. އަދި ޢަލިމަނިކުފާނަކީ ވެސް ކޮނޑޭގެ ބޭފުޅެއްނޫނެވެ.

ދޮން ބަންޑާރައިންގެ ދަރިކަލުން ސުލްޠާން ޙަސަން ނޫރައްދީން (1779-1799) ގެ ރަސްކަމުގައި ހުވަދުއަތޮޅުގެ އިރު އުތުރު ފަރަކަށް ނަވެއް އުރުނެވެ. މި ނައު އުރިގެން ރާއްޖޭގެވެރިކަމުގެ ފަރާތަށް ނަވުގެމުދައު ލިބުމުން އޭގައި ހުރި ތަކެތީގެތެރެއިން، ނައު އުރުނު އިރު އަތޮޅުގައި ދިރިހުރި 15 އަހަރު ފުރުނު ކޮންމެބޮލަކަށް ރަން ފައުނެއް  ދެއްވި އެވެ. މިކަން ކުރެއްވީ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކާއި ފަރުތަކުން ހޮވައި ލައްގާ ތަކެތި ބޭނުންކުރުމަށް ނޫރައްދީން(1) ރަދުން ހަމަޖައްސަވާފައިވާ އުޞޫލާ އެއްގޮތަށެވެ. ރައްޔިތުންނަށް ބައެއް އޮންނަގޮތަށެވެ. މިކަންކުރެއްވުމުގައި ހުވަދޫން އިސްކޮށް އުޅުއްވީ ކޮނޑޭ ޢަލިމަނިކުފާނެވެ. އެދުވަސްވަރު "ރިޔާލަ ނައު" އުރުމުން ނައުދޮށަށް ދިޔަ ދިވެހިންގެބަޔަކު ދެކެ ނަވުގެ ފަރަންޖީ ކައްޕިތާނު ރުޅިއައިސް އެމީހުންނާއި ދިމާކޮށް ހިނގި ކަމެއްގައި ދިވެއްސަކު މަރުވިކަމަށް އެދުވަސްވަރު ކިޔައި އުޅުނެވެ. މިޚަބަރު ކޮނޑޭގައި ހުންނެވި ކޮނޑޭ ޢަލިމަނިކުފާނަށް ލިބިވަޑައިގަތުމުން ނައުދޮށަށް ވަޑައިގެން ދިވެހިމީހާގެ މަރާމެދު ކައްޕިތާނާއި ސުވާލު ކުރެއްވުމުން ރުޅިގަދަ ކައްޕިތާނު، ޒުވާބުކޮށް ފުންމައިގެން ގޮސް ޢަލިމަނިކުފާނާ ވެސް ދިމާކުރައްވައި ހިނގިކަމެއް ހިނގައި އޭގެ ދެ ފޮއި ދުވަސްފަހުން އެ ފަރަންޖީ ކައްޕިތާނު ގަދަ ހުމެއްގައި (މެލޭރިއާ ގައި؟) މަރުވީ އޭ ވެސް ހުވަދޫގައި ކިޔައި އުޅުނެވެ. ހުވަދޫގެ 15 ފުރިއްޖެ ކޮންމެ ބޮލަކަށް ރަން ފައުނެއް ދެއްވީ އުރުނުނައުގެ ފައުނުން އެފަހަރުއެވެ. ދެންހުރި ފައުނުތައް ގެންދެވީ ރަސްކަމުގެ ގަނޑުވަރަށް މާލެއަށެވެ. ބުނެވޭގޮތުގައި ޢަލިމަނިކުފާނު އެދުވަސްވަރު ހުންނެވީ ރަދުންނާ ފާމުލަދޭރި ކިލެގެފާނުގެ ފަރާތްޕުޅުން އެ "ބާރު" ލިބިވަޑައިގެންނެވެ

ދިވެހި މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ. [ބުނެވޭގޮތުގައި ކޮނޑޭ ޢަލިމަނިކުފާނަކީ ޝާހީވަންތަކަން ގަދަ ބާރާ ނުފޫޛު ހުރި ޝަޚުޞިއްޔަތެކެވެ. ކަޑިބަޑީގެ ހެވިކަމަށް އަރާހުންނެވި ބޭފުޅެކެވެ. އޭނާގެ ދަރިކޮޅަށް ހުވަދުއަތޮޅުގެ ވަރަށްގިނަ ރަށްރަށް ވަޤުފު ކުރެވިފައި ހުއްޓެވެ.] 

ކޮނޑޭ ޢަލިމަނިކުފާނު، ފާމުލަދޭރި ކިލެގެފާނުގެ ޢާއިޝާ ދީދީ އާއި ކައިވެނިކުރައްވައި ދެ ބޭފުޅުން (ދޮންދީދީ އާއި މުޙައްމަދު ދީދީ ނުވަތަ ތުއްކަލާ ދީދީ) ލިބިވަޑައިގަތް ފަހުން ޢާއިޝާ ދީދީގެ ބައްޕަ ފާމުލަދޭރި ކިލެގެފާނުގެ އެދިވަޑައިގަތުމަކަށް ޢަލިމަނިކުފާނު، ޢާއިޝާ ދީދީ  ވަރިކުރެއްވި އެވެ.

ފާމުލަދޭރި ކިލެގެފާނުގެ އެފަދަ އެދިވަޑައިގަތުމެއް އޮތީ ކިލެގެފާނު ހިތްޕުޅާނުވާނޭ ކޮންމެވެސް ވާހަކަފުޅެއް ޢަލިމަނިކުފާނު ދެއްކެވި ކަމުގެ އަޑެއް ލިބިވަޑައިގަތުމުންނެވެ. އެ ވާހަކަފުޅެއް ޢަލިމަނިކުފާނު ދެއްކެވި ކަމަށް ބުނެވެނީ މާލޭގެ ރަސްކަމުގެ ގަނޑުވަރާ ގުޅުންހުރި ބޮޑުންގެބޭފުޅަކު ކިލެގެފާނާ ކުރިމަތިކުރުވި ވާދަވެރި ކަމެއްގެ ދުވަސްވަރު އެވެ. ޢަލިމަނިކުފާނާ އަނބިކަނބަލުން ޢާއިޝާ ދީދީ އާ ދެމަފިރިކަނބަލުންގެ އެއްވެސް މައްސަލައެއް ނުޖެހެ އެވެ.  

ކިލެގެފާނާ ޢަލިމަނިކުފާނާ ދެ ބޭފުޅުންނަކީ ވެސް އެ ބޭފުޅުން އުފެދި ބޮޑުފުޅުވި ނަސްލު ފިޔަވައި އެދުވަސްވަރުގެ ރަދުންގެ އަރިހުގައި ވެސް ވަރަށް ބޮޑު ޤަދަރާއި އިޙުތިރާމް ލިބިވަޑައިގެން ތިއްބެވި ހަރުދަނާ ޢިއްޒަތްތެރި ދެ ބޭފުޅުންކަމަށް ތާރީޚުގެ ފަތްފުށްތަކުން ހެކި ލިބެއެވެ. މިހެންވީއިރު އެއްބޭފުޅެއްގެ އެދިވަޑައިގަތުމަށް އަނެއްބޭފުޅަކު އިޙުތިރާމް ކުރައްވާނެ އެވެ. ކިލެގެފާނާ ޢަލިމަނިކުފާނާ ދެ ބޭފުޅުންގެ މެދުގައި ގިނަ ގޮތްގޮތުން ޢާއިލީ ގުޅުމާ ގާތްކަން ވެސް ވަރަށްބޮޑެވެ. އަދި ޢަލިމަނިކުފާނާ ކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝާދީދީގެ މަންމަ އާއި ވެސް ދެބެންގެ ދެދަރި އެވެ. މިހެންވީއިރު މިފަދަ ބޭފުޅުންގެ ނިންމެވުންތަކުގެ ޙަގީގަތް ރަނގަޅަށް އެނގުމެއްނެތި އެކިވާހަކަ އެކިގޮތަށް އަޅުގަނޑުމެން މިހާރު ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްނޫނެވެ. 

ކޮނޑޭ ޢަލިމަނިކުފާނުގެ މުނިކާފަ މުޡުހިރުއްދީން ރަދުންގެ ބައްޕާފުޅަކީ ފުވައްމުލަކު ފުނާޑު ދޮން މަޙުމޫދު ޚަޠީބުގެ ދޮން އަޙުމަދު އެދުރު ކަލޭގެފާނުގެ ދައިގަޑު ދޮން ޢީސާ ޚަޠީބު ކަލޭގެފާނު، ހައްދުންމަތީ އިސްދޫ އައިސާދިޔޯ (ކުޑައިބީ ކަމަނާ) އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ދައިގަޑު މާފަތް ތަކުރުފާނު (އިސްދޫ އިބްރާހީމް ޝާހުބަންދަރު ބޮޑު ވެލާނާ ތަކުރުފާނު) ގެ ޙަސަން މާފަތް ތަކުރުފާނު ކަމާއި އިބްރާހީމް ވެލާނާ ތަކުރުފާނަކީ ވެލާނާކަން ލިބިވަޑައިގަތުމުގެ ކުރިން ފުވައްމުލަކު ދައިގަޑު މާފަތް ތަކުރުފާނު ކަމަށް ދިވެހި މުއައްރިޚު މުޙައްމަދު އިބުރާހީމް ލުޠުފީ ލިޔުއްވާފައިވެ އެވެ.

މުޡުހިރުއްދީން ރަދުންގެ މަންމާފުޅަކީ އަލްޙާފިޡް މުޙައްމަދުގެ، ފުވައްމުލަކު އެދުރު ޙަސަން ނާއިބު ރަނަހަމާދި ތަކުރުފާނުގެ، މީދޫ ޝަމުސުއްދީން ފަނޑިޔާރު ތަކުރުފާނުގެ، އަލްޙާފިޡާ ފާޠިމާފާނުގެ، ކޮރުވަލު ޒުލޭޚާބީގެ، އަތިރީ ޙައްވާބީ އާއި ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނު ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި އަތިރީކަމަނާ އެވެ.

އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ މުނިކާފަ ޢިމާދުއްދީން(ދެވަނަ) ރަސްގެފާނަކީ މުޡުހިރުއްދީން ރަދުންގެ މާފަ (މަންމާފުޅު އަތިރީކަމަނާ ގެ ބައްޕަ) ހަނދޭގިރި ތަކުރުފާނާއި އެއްބަނޑު ބޭފުޅަކަށް ވީމާ ޢިމާދުއްދީން ރަސްގެފާނުގެ ދަރިކަލުން އިބްރާހީމް ރަސްގެފާނަކީ އަތިރީކަމަނާ އާއި ދެބެންގެ ދެދަރި ބޭފުޅެކެވެ. އަދި އިބްރާހީމް ރަސްގެފާނު ކައިވެނިފުޅު ކުރައްވައިގެން 6 ބޭފުޅުން ލިބިވަޑައިގެންނެވި ޢާއިޝާ ކަނބާފާނަކީ އަތިރީކަމަނާގެ، ފާޠިމާ މާވާކިލެގެފާނުގެ، ދަރިކަނބަލުންނެވެ. ޝަހީދުކުޅަ މަޝްހޫރު ޙާޖީ ބަންޑާރައިން ނަކީ އިބްރާހީމް ރަސްގެފާނާއި ޢާއިޝާ ކަނބާފާނާއި ދެމަފިރިކަނބަލުންގެ ބޭފުޅެކެވެ.

"ދިވެހި ރަސްކަމަށްވުރެ މުލަކު ދިގަލަގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް އަޅުގަނޑަށް މާރަނގަޅޭ" ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އެ ވިދާޅުވާ އާމިނާ މަނިކެފާނުގެ ފިރިކަލުން އަޙުމަދު މަނިކުފާނަކީ މުޡުހިރުއްދީން ރަދުންގެ ދަރިކަލުން މުޙައްމަދު މަނިކުފާނުގެ ބޭފުޅެކެވެ. ފުވައްމުލަކު ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނެވެ. މި ދެމަފިރިކަނބަލުންނަކީ ޙާޖީ ބަންޑާރައިން ޝަހީދުކުޅައުމަށް ފަހު އެރަދުންގެ ތުއްޕުޅު ދަރިކަލުން (ޙާޖީ ބަންޑާރައިންނާ ބުރުނީ ސިއްކަ ތަކުރުފާނުގެ އާމިނާ ކަނބާފާނާ ދެމަފިރިކަނބަލުންގެ ދަރިކަލުން) ޤަތުލުކުރުމަށް އުޅުމުން އެކަމުން އެ ދަރިކަލުން ސަލާމަތްކުރެއްވުމަށް މަތިވެރި ﷲ މެދުވެރިކުރެއްވި އިންސާނީ ވަސީލަތެވެ. އޭގެ ފަހުން އެ ތުއްޕުޅު ދަރިކަލުން ފުވައްމުލަކަށް ގެންދަވައި ބޮޑުފުޅުވެ ޢިލްމު އުނގެނިވަޑައިގަތުމަށް ފަހު އެދަރިކަލުން ކައިވެނިފުޅުކުރެއްވީ މި އަޙުމަދު މަނިކުފާނުގެ އެއްބަނޑު އެއް ބައްޕަ ޢާއިޝާ މަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް މަނިކުފާނާ އެވެ. އެކައިވެނިފުޅުން ލިބިވަޑައިގަތް އެއް ބޭފުޅަކީ ޢާއިޝާ ދީދީ (ދޮށީ ދީދީ) އެވެ.


ކޮނޑޭ ޢަލިމަނިކުފާނާއި، ޢާއިޝާ ދީދީ (ދޮށީ ދީދީ) އާއި ދެ ބޭފުޅުންގެ ދޮންދީދީ އަކީ އެ ބޭފުޅުންގެ އެންމެދޮށީ ބޭފުޅާ އެވެ. ހަގު ބޭފުޅަކީ މުޙައްމަދު ދީދީ (ތުއްކަލާ ދީދީ) އެވެ. ކިލެގެފާނަށް ބައްޕަ ވިދާޅުވި ފުރަތަމަބޭފުޅަކީ ނަމުގައި ވެސް އެބުނާހެން ދޮށީ ދީދީ (ޢާއިޝާ ދީދީ) އެވެ. އޭރު ކިލެގެފާނުގެ ޢުމުރުފުޅުން ވާނީ 15،14 އަހަރުފުޅުކަމަށް ބުނެވެއެވެ. ކިލެގެފާނުގެ ބޭފުޅުންގެތެރެއިން ފުރަތަމަ ބޭފުޅުން ލިބިވަޑައިގަތީ ވެސް މި ޢާއިޝާ ދީދީ އަށެވެ. އެއީ ދޮންދީދީ އާއި މުޙައްމަދު ދީދީ (ތުއްކަލާ ދީދީ) އެވެ. (ދޮންދީދީ އަށް ޚަދީޖާ ދީދީ، ކޮނޑޭ ދީދީ ވެސް ކިޔާފައި ހުރެއެވެ. ނަމަވެސް މަޝްހޫރު ނަމަކީ ދޮންދީދީ އެވެ.)


ކޮނޑޭ ޢަލިމަނިކުފާނާ، ޢާއިޝާދީދީ (ދޮށީ ދީދީ) އާ ދެމަފިރިކަނބަލުން ވަކިވެވަޑައިގަތް އިރު ތިއްބެވި ދެ ބޭފުޅުން ވެސް އެކަމެއްގެ ހަނދުމަފުޅެއް ނުހުންނާނެ އެވެ. އެއީ އެ ޢުމުރުފުޅު ނޫންކަމަށް ބުނެވެއެވެ. އެފަހަރު ބައްޕަ އަރިހުގައި ޢާއިޝާ ދީދީ ފުވައްމުލަކަށް ވަޑައިގަތީ ދަރިކަލުން މުޙައްމަދު ދީދީ ގޮވައިގެންނެވެ. ދަރިކަނބަލުން ދޮންދީދީ ގެންދެވުމަށް ޢަލިމަނިކުފާނު ދޫނުކުރެއްވީ އެވެ. އޭގެފަހުން ދޮންދީދީ ގެންގުޅުއްވައި ތަރުބިއްޔަތު ކުރެއްވީ އޭނާގެ މުންނަ (ބައްޕަގެ މަންމަ) ވާދޫ ގައްދަޑުގޭ ސަންފާ މަނިކުފާނާއި ކާފަ މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނުގެ މޫސާ މަނިކުފާނެވެ. ގައްދަޑުގޭ ސަންފާ މަނިކުފާނަކީ މަޝްހޫރު ވާދޫ ދަންނަކަލޭގެފާނުގެ ކިބައިން ދަރިވަރުވި އެދުރު އެދުރުންގެ ކިބައިން ހިނގަމުން އައި ދީނާއި ދުނިޔޭގެ ތަޢުލީމުގެ އެދުރުންގެ ފަރާތުން އުނގެނިވަޑައިގެން އިންނެވި ބޭފުޅެކެވެ. ގޮތްހުރި އަބުރުވެރި މީސްތަކުންގެ ޤަދަރާ އިޙުތިރާމް ލިބިވަޑައިގަތް ބޭފުޅެކެވެ. ސަންފާ މަނިކުފާނު، އޭނާގެ އިތުރަށް އެދުރު އެދުރުން ލައްވައި ވެސް ދޮންދީދީ އަށް ތަޢުލީމު އުނގަންނައި ދެއްވި އެވެ. ވާދޫގައި އެދުވަސްވަރު ވެސް ތަޢުލީމީ އެދުރު އެދުރުން ތިއްބެވި އެވެ.

ގައްދަޑުގޭ ސަންފާ މަނިކުފާނުގެ ފުރިހަމަބެއްލެވުމާ ތަރުބިއްޔަތާ އަޚުލާޤު ލިބިވަޑައިގެން ބޮޑުފުޅުވި އޭނާގެ ނަމޫނާ މުންނަ ދަރިކަނބަލުން ދޮންދީދީ އާއި ގުޅޭ ބައެއް ވާހަކަ އޭރުއްސުރެ ފަހަކާ ޖެހެންދެން އެ ޢާއިލާގެ ނޫނަސް އިހުގެ މަރުޙޫމް ބައެއް މުސްކުޅިންގެ ފަރާތުން އިވެމުން ނަގުލުވަމުން ގޮސްފައި ވެއެވެ.

ދޮންދީދީ އަކީ އެ ޢާއިލާއިން އޭނާއަށްވުރެ ހަގު ބޭފުޅުން ބޯލެނބި އަދި ދޮށީ ބޭފުޅުންގެ ވަރަށްބޮޑު ލޯތްބެއް ލިބިވަޑައިގަތް ޝަޚުޞިއްޔަތެކެވެ. އެ ހުރި ކަމެއްގައި އެ ހުރި ގޮތެއްގައި ވަރަށް ނުފޫޒު ގަދަ ބޭފުޅެކެވެ. ވާހަކަފުޅުދެއްކެވުން މަދު އަދި ޢާއިލާގެ ބޭފުޅުން ނޫން އެހެންމީހުންނަށް (ފަޤީރުން ފިޔަވައި) އޭނާގެއަރިހުގައި ވާހަކަދައްކައި އުޅުމުގެ ފުރުޞަތު ކުޑަ ބޭފުޅެކެވެ. މީހުން ޖެހިލުންވާ ގޮތެއް ހުންނަ "ދެކުނުފަރާތުގެ ނާމާން" ބަނިއާދަން ބޭފުޅެއްކަމަށް ބުނެވެއެވެ. ޢާއްމުގޮތެއްގައި ސަމާސާ ކުރެއްވުމެއް އެފަދަ ބަސްފުޅެއް ވިދާޅުވުމެއް ނޯވެ އެވެ. ދޮންދީދީ އަކީ އޭނާ ނުދެކޭ މީހަކަށް ކުއްލިއަކަށް އޭނާ ފެނިއްޖެނަމަ އެ ޝަޚުޞިއްޔަތުގައި ހުންނަ އާދަޔާއި ޚިލާފު "ތޫނުފިލި" ކަމެއްގެ ސަބަބުން ސިހުމެއް ލިބޭ ފަދަ ބޭފުޅެއްކަމަށް ވެސް ބުނެވެ އެވެ.

ދޮންދީދީ އަކީ އޭނާގެ މާފަ ފާމުލަދޭރި ކިލެގެފާނު އަރިހުގައި އިންނަވައިގެން ބޮޑުފުޅު ނުވާ އެކަމަކު އެ މާފަގެ ޠަބީޢަތުގެ ގިނަ ކަންކަމެއް ލިބިވަޑައިގަތް ބޭފުޅެކެވެ. އޭގެތެރެއިން މީހުން އެންމެބޮޑަށް ފާހަގަކުރާ ކަމަކީ ނިކަމެތި ފަޤީރުންނާއި އަޅައިލައްވައި އެހީތެރިވެދެއްވާ ކަމެވެ. އެދުވަސްވަރު 3 ރަށެއްގެ 3 ގެއެއްގެ ތަނަވަސްކަން ދޮންދީދީ އަށް މިންވަރުކުރައްވާފައި އޮތެވެ. އެއީ އޭނާގެ ބައްޕަ ޢަލިމަނިކުފާނުގެ ކޮނޑޭ "އެތެރެކެބަ ގަނޑުވަރާ" އޭނާގެ ފިރިކަލުންގެ ދެއްވަދޫ "މެދު ގަނޑުވަރާ" އަދި އޭނާގެ މުންނަގެ ވާދޫ "ގައްދަޑުގެ" އެވެ. ބުނެވެނީ އެދުވަސްވަރު ދޮންދީދީ އަރިހުގައި މީހަކު ވާހަކައެއް ދަންނަވަން ނުވަތަ އެއްޗެއްގެ ބޭނުމުގައި ވިޔަސް އެވާހަކަދަންނަވަން ބޭނުންވެ ފަސޭހައިން އެކަން ކުރެވޭނޭގޮތެއް ނުވިނަމަ ދެން އެކަމަށް އޮތް އެންމެފަސޭހަ މަގަކީ ވާދޫ (ދޮންދީދީ ދެއްވަދޫގައި އުޅުއްވާ ވަގުތެއްނަމަ ދެއްވަދޫ) ފަޤީރެއްގެ ގާތުގައި އެވާހަކައެއް ބުނުމެވެ. އޭރުން އެއްވެސް ދައްޗެއް ނެތި މަންޒިލަށް ވާޞިލްވީ އެވެ. 

ދޮންދީދީގެ މަންމައާއި، ބައްޕައާއި، މާފައާއި، ކާފައާއި، މުންނަ ވެސް ދޮންދީދީ ދެކެ ވަރަށް ލޯބިފުޅު ވެއެވެ. އެދުވަސްވަރު އޭނާގެ މާމަ ފުވައްމުލަކު ކުޑައިރަނިއަ (ކުދުރަނިޔަ) އެދުރުގޭ މަރިޔަމް މަނިކުފާނު ދުނިޔޭގައި އިންނެވިކަމެއް ނޫންކަމެއް އެނގެންނެތެވެ. ކުރިންދެންނެވި ބޭފުޅުންގެ އިތުރަށް އައްޑޫ މީދޫގައި ތިއްބެވި ދޮންދީދީގެ ކޮއްކޮމެން (ގަނޑުވަރު ޙަސަންދީދީ، ގަނޑުވަރު އަޙުމަދުދީދީ، ގަނޑުވަރު ކަތްދާ ދީދީ، އަދި ގަނޑުވަރު އާމިނާ ދީދީ) ވެސް އެބޭފުޅުންގެ ދައްތަ އަރިހަށް ހުވަދުވަށް  އެކި ފަހަރު ވަޑައިގެން އުޅުއްވާ ކަމަށް ބުނެވެ އެވެ. ގިނައިން ވަޑައިގެން އުޅުއްވަނީ ގަނޑުވަރު ޙަސަން ދީދީ އެވެ. ދޮންދީދީގެ އެއްބައްޕަ ކޮއްކޮ ހުޅުދޫ ދީދީ(އ) ގެ ޒުލާޚާ ދީދީ އާއި ދޮންދީދީގެ އެއްބަނޑު ކޮއްކޮ ގަނޑުވަރު ޙަސަން ދީދީ ކައިވެނިކުރެއްވީ މިގޮތަށް ދައްތަ އަރިހަށް ޙަސަން ދީދީ ވަޑައިގެން އުޅުއްވި އުޅުއްވުމުގެތެރޭ ކަމަށް ބުނެވެ އެވެ. ޒުލޭޚާ ދީދީގެ ބައްޕައަކީ ހަވަރުތިނަދޫ ދޮން ޢަލިތަކުރުފާނެވެ. އެދުވަސްވަރުގެ ބޮޑު މުއްސަންޖެކެވެ. ދޮން ޢަލިތަކުރުފާނުގެ މަންމަ ފަރާތުގެ ބޮޑުބޭބެ އަކީ މަޝްހޫރު ރާގުޅި އަޙުމަދު ކަލޭގެފާނެވެ. އެދުވަސްވަރު ހުވަދޫގެ އެންމެ މުއްސަނދި ފަރާތެވެ. އަދި ހުވަދުއަތޮޅުގެ ވާރުވެރިޔާ (އަތޮޅުވެރިޔާ) އެވެ. 

އިހުގެ މުސްކުޅިން ބުނެއުޅެނީ ދެއްވަދޫ ގަނޑުވަރު ޙަސަން މަނިކުފާނު، ދޮންދީދީ އާއި ކައިވެނިކުރެއްވުމަށް ފަހު ވެސް މި ދީދީ އާއި ފިރިކަލުންނާއި ތިއްބެވީ ދޮންދީދީގެ މުންނަ އަރިހުގައި ވާދޫ ގައްދަޑުގޭގަ އެވެ. އެއީ ދޮންދީދީގެ މުންނަ ގައްދަޑުގޭ ސަންފާމަނިކުފާނު އޭނާއާއި ވަކިން އެހެން ރަށެއްގައި ދޮންދީދީ އުޅުއްވުމަށް ސަންފާމަނިކުފާނު ބޭނުންފުޅުނުވީ އެވެ. އަދި ދޮންދީދީ ވެސް އޭނާގެމުންނަ ބޭނުންފުޅު ނޫންގޮތެއް ހައްދަވަން ބޭނުންފުޅު ނުވަނީ އެވެ. ނަމަވެސް ދެއްވަދޫ ގަނޑުވަރުގައި އޭނާގެފިރިކަލުން ޙަސަން މަނިކުފާނާ ދޮންދީދީ އާއި ދެމަފިރިކަނބަލުން ދިރިއުޅުއްވުމަށް ބޭނުންފުޅުވާނޭ އެންމެހައިކަންކަން ހަމަޖެހިފައި އޮވެއެވެ. އެދުވަސްވަރު ދެއްވަދޫ ގަނޑުވަރު (މެދު ގަނޑުވަރު) ގައި އުޅުއްވީ ދޮންދީދީގެ ކޮއްކޮ މުޙައްމަދު ދީދީ އާއި އޭނާގެ އަނބިކަނބަލުން އާމިނާ މަނިކުފާނާ ބޭފުޅުންނެވެ. އާމިނާ މަނިކުފާނަކީ ދޮންދީދީގެ ފިރިކަލުންގެ ޙަސަން މަނިކުފާނުގެ ކޮއްކޮ އެވެ.

ގައްދަޑުގޭ ސަންފާ މަނިކުފާނު، އޭނާގެ މުންނަ ދަރިކަނބަލުން ދޮންދީދީ އަށް ބޭފުޅުން ލިބިވަޑައިގަތް އިރު ވެސް ގައްދަޑުގޭގަ އިންނެވި އެވެ. އަދި ދޮންދީދީ އަށް މުނިމާމަ ވިދާޅުވާ ބައެއް ބޭފުޅުންގެ ދުވަސްވަރަށް އައި އިރު ދޮންދީދީ ވެސް ދުނިޔޭގައި އިންނެވި އެވެ.

އަޅުގަނޑު އަހާ ގޮތުގައި ދޮންދީދީ އަކީ ފާމުލަދޭރި ކިލެގެފާނުގެ އުފަން ބޭފުޅުންނަށް ވެސް ކިލެގެފާނުގެ އަރިހުގައި ދަންނަވަން ކެރިވަޑައިނުގަންނަވާ ވާހަކަފުޅު ދައްކަވައި އުޅުއްވި ކިލެގެފާނުގެ މާފަ ދަރިކަނބަލެކެވެ. ކިލެގެފާނު ގެންގުޅުއްވައި ބޮޑުފުޅުކުރެއްވި ބޭފުޅެއްކަމަށްވާ އޭނާގެ މާފަ ދަރިކަލުން މުޙައްމަދު ދީދީ (ތުއްކަލާ ދީދީ) ކިލެގެފާނު އަރިހުގައި މުލަކު "ކަރިއްޔަ" ގައި އުޅުއްވަމުން ގެންދަވަނިކޮށް އޭނާ ހުވަދުވަށް ގެންނަވަން ބޭނުންފުޅުވެ އެވާހަކަ އޭނާގެ މާފަ ކިލެގެފާނުގެ އަރިހުގައި ދަންނަވަން ދޮންދީދީއަށް ކެރިވަޑައިގަތް ކަމީ ވެސް އެފަދަ ކަމެއްކަމަށް މީހުން ބުނެއެވެ. ދޮންދީދީ އަކީ އޭނާދެކެ ކިލެގެފާނުގެ އުފަން ބޭފުޅުން ވަރަށް ލޯބިފުޅުވި ބޭފުޅެކެވެ. މި ބޭފުޅުންނާއި މި ބޭފުޅުންގެ އުފަން ބޭފުޅުން ރާއްޖެއިން ބޭރާއި މާލެއަށް ކުރާ ދަތުރުތަކުގައި ހުވަދުއަތޮޅުގެ އެތެރެވަރިން ދަތުރުފުޅެއް ކުރައްވާނަމަ ދޮންދީދީ އިންނެވި ތަނަކަށް ވަޑައިގެން ދެ ފަރާތުން ވެސް ހަދިޔާ ބަދިޔާ ފޯރުކޮށްދެއްވައި ވަރަށް ހެޔޮފުޅުކޮށް އުޅުއްވާ ކަމަށް ވެއެވެ. އެނޫން ދަތުރުފުޅުގައި ވެސް ވަޑައިގެން އުޅުއްވަ އެވެ. 

މުޙައްމަދު ދީދީ (ތުއްކަލާ ދީދީ) އަކީ ޢިލްމީ ބޭފުޅެކެވެ. މާލިމީއެކެވެ. އޭނާގެ މާފަގެ ބެއްލެވުމުގެދަށުން ފުވައްމުލަކު ޢިލްމުވެރިންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތް ބޭފުޅެކެވެ. މުޙައްމަދު ދީދީ އަކީ އޭނާގެ މާފަ ފާމުލަދޭރި ކިލެގެފާނުގެ އުފަން ބޭފުޅެކޭ އެއްވެސް ތަފާތެއްނުކުރައްވާ ބޭފުޅެއްކަމަށް ބުނެވެއެވެ. އެ ބޭބޭފުޅުންނަށް އޮތް ކަމެއް ޢިނާޔަތެއް ވިޔަސް މުޙައްމަދު ދީދީ ހުވަދޫގައި ހުންނެވި އިރު ވެސް އޮވެއެވެ. އެހެންވީ މި ދީދީ އެންމެތުއްޕުޅު އިރުއްސުރެ ބައްޕައެއްގެ މަޤާމުގައި ކިލެގެފާނު ހުންނެވުމާއި އަދި ޢުމުރުފުޅުން ހަތަރު ފަސްއަހަރުގެ ފަހުން މުޅިން ވެސް މުޙައްމަދު ދީދީ ގެންގުޅުއްވީ "ކަރިއްޔަ" ގައި ކިލެގެފާނު ކަމަށް ވުމުންނެވެ.

މި މުޙައްމަދު ދީދީ (ތުއްކަލާ ދީދީ)ގެ އަނބިކަނބަލުން ދެއްވަދޫ ގަނޑުވަރު އާމިނާ މަނިކުފާނަކީ، އެއްގޮތް ވައްތަރުކޮޅާ އުޅުއްވުމާ މިޒާޖާ އަދި އެފަދަ ގިނަ ކަންކަމެއްގައި އޭނާގެ ހޫރު މާމާފުޅު (ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅު) އައިސާދިޔޯގެ ދިރި ހުރި ނަކަލެއްކަމަށް އެދުވަސްވަރުގެ މުސްކުޅިން ބުނެ އުޅޭކަމަށް ވެއެވެ. 

ދެއްވަދޫ ގަނޑުވަރަކީ ދެއްވަދޫ ރަސްގެފާނަށް ނިސްބަތްވާ ގަނޑުވަރެކެވެ. ޙަގީގަތަކީ މިއެވެ. މިހެންވިޔަސް އެ ގަނޑުވަރަށް ގަނޑުވަރެއްގެ "ފުރިހަމަކަން" ލިބުނީ އެތާނގައި ކޮނޑޭ ޢަލިމަނިކުފާނުގެ މުޙައްމަދު ދީދީ އުޅުއްވަން ފެއްޓެވުމުން ކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު އެބަ އޮތެވެ. ދެއްވަދޫ ގަނޑުވަރު ހުރި ތާނގެ ބިން އެކި ދުވަސްވަރު ކޮނުމުން އެކި ކަހަލަ އަގުހުރި "އެއްޗެހި" ފެނުމުގެ އަޞްލު ގުޅިފައިވަނީ މި ބޭފުޅުންގެ ދުވަސްވަރާ އެވެ. ދެއްވަދޫ ގަނޑުވަރަށް ނިސްބަތްވާ ހުރިހާ ފިރިހެން ބޭފުޅުންނަކީ ވެސް ރާއްޖޭގެ ބޭރާއި އެތެރޭގެ ދަތުރުކުރި އޮޑިފަހަރުގެ މޮޅު މާލިމީންނެވެ. އޮޑިވެރިންނާއި މާލިމީންނަކީ އެދުވަސްވަރު ތަނަވަސްކަން ލިބުމުގެ ފުރުޞަތު އެންމެ ބޮޑު މީހުންނެވެ. މިކަމާ އެކުމެ އެ ދުވަސްވަރު ފުވައްމުލަކު "ކަރިއްޔަ" ގައި ހުރި އެންމެހައި ކަމެއް ދެއްވަދޫ ގަނޑުވަރުގައި ވެސް ހުރިކަމަށް ބުނެވެއެވެ. "ކަރިއްޔަ" ގައި ހުންނެވި ފާމުލަދޭރިކިލެގެފާނު، އޭނަގެ މާފަ ބޭފުޅުންނަށް ވެސް "ކަރިއްޔަ" ގައި ހުރި "ކަމަކަށް ކަމެއް" ކޮށްދެއްވީ އެވެ. މިވާހަކަ އެ ދެ ތަން ދުށް މީހުން އެ ދުވަސްވަރު ބުނަމުން ގޮސްފައި ވާތީ ދެއްވަދޫ ގަނޑުވަރު "ގަނޑުވަރަކަށް" ވުމުގައި ފާމުލަދޭރި ކިލެގެފާނުގެ ވެސް ޚާއްޞަ ދައުރެއް އޮތް ކަން އެނގެއެވެ. ފާމުލަދޭރި ކިލެގެފާނުގެ އުފަން ބޭފުޅުންނެކޭ އެއްވަރަށް އޭނާގެ މާފަ ދެ ބެއިން ދޮންދީދި އާއި އޭނާގެ ކޮއްކޮ މުޙައްމައިދި އަށް ކިލެގެފާނު ހެޔޮފުޅުކޮށް ހިތްތަވައި އެބޭފުޅުންގެ ޚަބަރުދަބަރު ބައްލަވައި އެދުވަސްވަރު އެބޭފުޅުންނަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވިކަމަށް ބުނެވެ އެވެ. 

ފާމުލަދޭރި ކިލެގެފާނުގެ ދުވަސްވަރާ ހަމަޔަށް އައި އިރު ވެސް މާލޭގެ ރަސްކަމުގެ ގަނޑުވަރު ފިޔަވައި އެނޫން ގަނޑުވަރުތަކާއި ބޮޑެތި ބޭފުޅުންގެ ގޭގެއަށް ވުރެ އައްޑޫ ހުވަދޫ ފުވައްމުލަކުގެ ބައެއް ބޭފުޅުންގެ ތަނަވަސްކަން ބޮޑެވެ. މިވާހަކަ މިއަދު ދެއްކީމާ އެކަން ގަބޫލުކުރެވޭނީ ވެސް ކާކަށް ބާއޭ ހީވެ އެވެ. ނަމަވެސް ޙަގީގަތަކީ މިއެވެ. 1960 ގެ އަހަރުތަކާ ހަމައަށް އައި އިރު ވެސް މި ޙަގީގަތް މިހެން ހާމަޔަށް ފެންނަން އޮތެވެ.

ދެއްވަދޫ ގަނޑުވަރުގެ ކުރީގެ ދުވަސްވަރު އަލްޙާއްޖު ޢަލީތުއްކަލާ އާއި އަބޫބަކުރު ފަނޑިޔާރުތަކުރުފާނުގެ ދަރިކަނބަލުން އައިސާބިޔޯ (އައިސާދިޔޯ)އާއި ދެމަފިރިކަނބަލުންގެ ދެ ބޭފުޅުންކަމަށްވާ މުޙައްމަދާއި (ފަހުން ދެއްވަދޫ ރަސްގެފާނު)، ދޮންމަރި ދޮންކަނބުލޯ (މަރިޔަމް ކަނބުލޭގެފާނު) އާއި މީނާގެ ބޭފުޅެއްކަމަށްވާ މާވާ ކިލެގެފާނާއި އެ ގަނޑުވަރުގައި އުޅުއްވިއެވެ. ފާމުލަދޭރި ކިލެގެފާނުގެ ދުވަސްވަރު މާވާ ކިލެގެފާނުގެ ފުތް ޚަޠީބު ނާއިބު ޢަލިމަނިކުފާނާއި މީނާގެ ފުތް ދެއްވަދޫ މުސްކުޅި ޙަސަން ދީދީ ދެއްވަދޫގައި ތިއްބެވިއެވެ.

ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕަ އިތުރު ބޭފުޅުން ދެއްވަދޫ ގަނޑުވަރުގައި އުޅުއްވުމަކީ ވެސް ވެދާނެ ކަމެކެވެ. އެއީ ދެއްވަދޫ ރަސްގެފާނު ދެއްވަދޫއަށް ދެއްވާފައިވާ ވަޤުފު ފަތްކޮޅެއްގައި "އަންބަރައިރަ ސަރިދާލޭސް މައްތީ އުއްތަރަ އާނަންދަވެ ވޮޑިގިނެދެ. ފުރަކީރިތި ރެދަލިކުރަނަ ތިންވަނަ އަވެރެދު ޖުމާދިލްއައްވަލް މަހު ފުރަތަމަދުވަހު ތިމަންރަދުންގެ ކާބަފައި އަބޫބަކުރު ފަޑިޔާރުކަލޭގެއަށް އުފަން ތިމަން ރަދުންގެ މައި އައިސާބީގެ ދަރީގެދަރި މިރިމީންގެ..................." މިގޮތަށް ލިޔެފައި އޮތުމުންނެވެ. މިފަތްކޮޅުގެ ދުވަސްވީ ނަކަލެއް އެބަ އޮތެވެ. ޢަލީ ތުއްކަލާ ފިޔަވައި އެއްވެސް ބޭފުޅަކާ އައިސާބީ (އައިސާދިޔޯ) ކައިވެނިކުރައްވައި ބޭފުޅުން ލިބިވަޑައިގަތް ކަމެއް އެނގޭކަށް ނެތެވެ.

ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅު އައިސާދިޔޯ (އައިސާބީ) އާއި އެއްބަނޑު އެއްބައްޕަ ބޭބެ ފަނޑިއަތްކަލޭގެ (ފަނޑިއަތް ކަލޭގެފާނު) އާއި، ދެއްވަދޫ ދަހަރާ މަނިކުފާނާއި، ސުލްޠާން އިސްކަންދަރު ރަސްގެފާނާ އެއްބަނޑު ރަންނަބަޑޭރިކިލެގެފާނުގެ ދަރިކަނބަލުން ކަދީދާ (ޚަދީޖާ) މަނިކާއި، މި ކިލެގެފާނުގެ ގުރައިދޫ ޢަލިމަނިކުފާނުގެ އިބްރާހީމް މަނިކުފާނާއި، ދެއްވަދޫ ކަނބައިދި ކިލެގެފާނާއި، ދެއްވަދޫ މާވާ ކިލެގެފާނަކީ ފާމުލަދޭރި ކިލެގެފާނު ދެއްވަދޫއަށް ވަޑައިގެން އުޅުއްވި ދުވަސްވަރަށް ވުރެ ކުރީގައި އެ ރަށުގައި އުޅުއްވައި އަވަހާރަވެފައިވާ ބޭފުޅުންނެވެ. ނަމަވެސް ފާމުލަދޭރި ކިލެގެފާނު ދެއްވަދޫއަށް ވަޑައިގެން އުޅުއްވި ދުވަސްވަރު ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅު އައިސާދިޔޯގެ ދޮންމަރިޔަމް ކަނބުލޭގެފާނުގެ މާވާ ކިލެގެފާނުގެ ޚަޠީބު ނާއިބު ޢަލިމަނިކުފާނާއި، މީނާގެ ދަރިކަލުން ދެއްވަދޫ މުސްކުޅި ޙަސަން ދީދީ ހުންނެވި އެވެ. އަދި ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕަ (ހަވަރުތިނަދޫ ގައި އަވަހާރަވި) ދޮންދަލޭކަ ކަނބުލޭގެފާނުގެ މަރިޔަމް ކަނބުލޭގެފާނުގެ ބައެއް ބޭފުޅުން ވެސް ދެއްވަދޫ "ގަނޑުވަރު"ގައި އުޅުއްވިއެވެ.

މިދެންނެވި ބޭފުޅުން ދެއްވަދޫގައި އުޅުއްވާފައިވުމުން އެ ރަށަކީ އެދުވަސްވަރާއި އޭގެ ކުރީ ދުވަސްވަރު (ޢަލީ ތުއްކަލާގެ ދުވަސްވަރު) ވެސް ހަރުދަނާ ބޭބޭފުޅުން އުޅުއްވި ރަށެއްކަން އެނގެއެވެ. މިކަން އެނގެނީ އެ ރަށުގެ އެއް ދުވަސްވަރެއްގައި ލިޔުންތައް ފެންނަން ހުރި މަހާނަގައުތަކުގެ ލިޔުންތަކުންނެވެ. ގިނައީ މީހެއްގެ ވަނަވަރެއް ތާރީޚެއް ނެތް ޝަހާދަތުގެ ދެ ކަލިމަ ފަދަ ކޮންމެވެސް ހެޔޮ އެއްޗެއް ލިޔުނު ގައުތަކާއި އެއްވެސް ލިޔުމެއް ނެތް ގައުތަކެވެ. ގައު ނެތް ނަމަވެސް އެދުވަސްވަރުގެ މަހާނަކަމަށް ބެލެވޭ ތަންތަން ވެސް މަދެއްނޫނެވެ. 

ތާރީޚީ މަޢުލޫމާތްތައް ހާމަކޮށް ލިޔުމުގައި އަޅުގަނޑުމެންނަށް ދައްޗެއް އުޅޭނަމަ އެފަދަ ދައްޗެއް ނެތް މީހަކާހަމަޔަށް އެކަމެއް ގެންގޮސްދީގެން ވިޔަސް ތާރީޚީ މަޢުލޫމާތްތައް ހާމަކުރުމަކީ ބޭނުންތެރި ކަމެކެވެ. މަޢުލޫމާތްތަކެއްގެ ބޭނުންތެރިކަމަށް ބެލެވިގެން ޗާޕުކޮށް ފޮތެއްގައި ސިފައި ނެރުމަށް ޚިޔާލުކޮށްގެން ހުއްޓައި އެކަންވެސް ނުވެ އޭގެ ފައިދާއެއް އެހެން ބަޔަކަށް ވެސް ނުލިބި ދިޔުމަކީ ދެރަ ކަމެކެވެ. އަދި ބައެއް ބޭފުޅުންނަށް އެނގިވަޑައިގެންފައިވާ ޤައުމީ ވަޠަނީ މަޢުލޫމާތްތަކުގެ ބޭނުންތެރިކަން ދެކިވަޑައިގެން އެހެންފަރާތަކާ އެކަންކަން ޙިއްޞާ ނުކުރައްވައި އަމިއްލަފުޅަށް އެކަމެއްކުރައްވަން ސިއްރެއްގައި ހުންނަވަނިކޮށް "ތާއަބަދަށް" އެކަން ސިއްރުވުމަކީ ވެސް ވެދާނެކަމެއް ކަން ބެއްލެވުން ބުއްދިވެރިއެވެ. ދުނިޔެއަކީ މިކަހަލައެއްޗެއް ނޫންތޯއެވެ.

އަޅުގަނޑު މިހެން ދެންނެވިކަމަށް ވިޔަސް ބައެއް ބޭފުޅުން އަމިއްލަފުޅުގޮތުން މިހާރު ވެސް ތާރީޚާ މަޢުލޫމާތަށްޓަކައި ގިނަ މަސައްކަތްޕުޅު ތަކެއް އެބަ ކުރައްވަ އެވެ. އެކަމަށްޓަކައި އެބޭފުޅުންނަށް ދިވެހިޤައުމުގެ ޝުކުރާ ތަޢުރީފު ޙައްޤެވެ. ނަމަވެސް މި ލިޔުމުގެ ކުރީކޮޅުގައި ދެންނެވިގޮތަށް މިއަދަކީ "އެކަށީގެންވާ މަގެއް" މަތިނުވެ، މުހިއްމު ތާރީޚީ ލިޔުންތަކެއް ނެތިގެން ދާންޖެހޭ ދުވަހެއްނޫނެވެ. އެހެންނޫނީ އެ ދުވަހެކޭ މި ދުވަހެކޭ މިވަނީ ހަމަ އެއްވަރު ނޫންތޯއެވެ.
                   ---------------

ޢަބުދުﷲ ޙިލްމީ
15 ސެޕްޓެމްބަރ 2012މ.

މަޢުލޫމާތުގެ ޙިއްޞާ:
ދިވެހި މުއައްރިޚު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީގެ ބައެއް ލިޔުއްވުން
ހުވަދޫ ތާރީޚުގެ ޞަފުޙާތަކެއް ލިޔުއްވި މަރުޙޫމް ޙަސަން ޙިލްމީގެ ބައެއް ލިޔުއްވުން
ހުވަދޫ ތާރީޚުގެ ގިނަ ވާހަކަތަކެއް ކިޔުއްވައިދެއްވި މަރުޙޫމް ވިލިގިލީ ޙުސައިންގެ ބައެއް ކިޔުއްވައިދެއްވުން
ހުވަދޫގެ ކުރީގެ މުސްކުޅި މަރުޙޫމް ބައެއް ބޭފުޅުންގެ ކިޔުއްވައިދެއްވުން
އަލްފާޟިލް ޢަލިދީދީ ވިދުވަރުގެ، ފުވައްމުލައް