ފުވައްމުލަކުގެ ޢިލްމީ އުދަރެހުން 2 މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތު


ޝައިޚު މުޙައްމަދު ޖަމާލުއްދީން، ނާއިބު ތުއްތުއަކީ މުސްލިމެއްގެކިބައިގައި ހުންނަންޖެހޭ "ގޮތާއި ފޮތާއި" ދުނިޔެވީ މުހުތާދަށްޓަކައި ބޮލާލައި ޖައްސަވައި ދޫކޮށްލެއްވި ބޭފުޅެއްނޫނެވެ. އޭނާއަކީ ހަރުދަނާ ދީނީ ބިންގަލެއްގެ މަތީ ފުރިހަމައަށް ސާބިޘުވެހުންނެވި ޢަޒުމް ވަރުގަދަބޭފުޅެކެވެ. ޙައްޤުގެމަގުގައި އޭނާގެ ބަސްފުޅާއި އޭނާގެ ގޮތަކީ އިރުވައިގެ ވަހުތާނެއްހެން އެކި އިރު އެކި ދިމާލަށް އެނބުރެމުން ބަދަލުވަމުން ދިޔަ އެއްޗެއްނޫނެވެ. އަދި އޭނާއަކީ އެނގިވަޑައިގެންފައިވާ ހެޔޮ ރަނގަޅުއެއްޗެއް އެހެންމީހަކަށް އުނގަންނައި ދެއްވުމެއް ނެތި އެ އެއްޗެއް އޭނާއާއި އެކީގައި “ކަށްވަޅަށް” ގެންދެވި ބޭފުޅެއް ވެސް ނޫނެވެ.  


ޝައިޚު މުޙައްމަދު ޖަމާލުއްދީން (1907-1844) ނާއިބު ތުއްތު އަކީ ޢިލްމުވެރިކަމާއި ޚިދުމަތުގެ ހަރުދަނާ މަޝްހޫރު ބޭފުޅަކަށްވުމުން އެމަނިކުފާނުގެ އެކަންކަން ހާމަކޮށް ލިޔުންތެރިން ގިނަ ލިޔުންތަކެއް ލިޔުއްވާފައިވެއެވެ. މިހެންމެ ވިކިޕީޑިއާގައި ވެސް އޭނާގެ ޢިލްމާއި ޚިދުމަތަށް ބަލާލެވިފައި އެބަ ވެއެވެ. އެފަދަ ލިޔުންތަކަކީ ކޮންމެހެން އެބޭފުޅެއްގެ މާބޮޑު ޢާއިލީ ވަނަވަރެއް ގެނެސްދިނުން ލާޒިމް އެއްޗަކަށްނުވާތީ އެކަން ގެނެސްދީފައި ނުވަނީކަމަށް ބެލެވެއެވެ. ނަމަވެސް އެފަދަ ޝަޚުޞިއްޔަތެއްގެ ޢާއިލީ ވަނަވަރު އެނގިވަޑައިގަތުން ބޭނުންފުޅުވާ ފަރާތްތަކެއް ވެސް މުޖުތަމަޢުގައި ތިއްބެވިކަމަށް ބައެއް ބޭފުޅުންގެ ލިޔުއްވުމާއި ކޮމެންޓްތަކުން އެނގެއެވެ. ޝައިޚު މުޙައްމަދު ޖަމާލުއްދީން ނާއިބުތުއްތުއަކީ ފުވައްމުލަކު އެޅަތޮށިގޭ މުޙައްމަދު ތައްޚާނު (މުޙައްމަދު ތަކުރުފާނު)ގެ ޢީސާ ތައްޚާނު (ޢީސާ ނާއިބު ތަކުރުފާނު) މާލޭ ފުއްލާގޭ މަރިޔަމްފުޅާ ކާވެނިކުރައްވައިގެން ލިބިވަޑައިގަތް ދަރިކަލުންނެވެ.

ޝައިޚު މުޙައްމަދު ޖަމާލުއްދީން، ނާއިބު ތުއްތު އަކީ ޝައިޚުލް ފަޤީހު މުޙައްމަދު ޖަމާލުއްދީން، މަޝްހޫރު ވާދޫ ދަންނަކަލޭގެފާނުގެ އަރިހުން ދަރިވަރުވި ޤާރީވެރިކަމާއި ފިގުހުގެ ރޮނގުން އަރައިހުންނެވި ބޭފުޅެއްކަމަށްވާ ފުވައްމުލަކު ދަޑިމަގު ކޮއްކިރި މުޙައްމަދު އެދުރު ކަލޭގެފާނުގެ ފުވައްމުލަކު ދަޑުފީށި ޢަލިތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ހ)ގެ މައިގޭ ޢަލިތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ށ)ގެ މައިގޭ ޢަލިތައްޚާނުގެ އެޅަތޮށިގޭ މުޙައްމަދު ތައްޚާނު(ރ)ގެ އެޅަތޮށިގޭ ޢީސާ ތައްޚާނު (ޢީސާ ނާއިބު ތަކުރުފާނު)ގެ ޝައިޚު މުޙައްމަދު ޖަމާލުއްދީން، ނާއިބު ތުއްތު އެވެ. 

ފުވައްމުލަކު "ފާނަންމަގު" ޢަލީ މުޞްޠަފާއަކީ ފުވައްމުލަކު ދަޑިމަގު ކޮއްކިރި މުޙައްމަދު އެދުރު ކަލޭގެފާނުގެ ފުވައްމުލަކު ދަޑުފީށި ޢަލިތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ހ)ގެ މައިގޭ ޢަލިތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ށ)ގެ މައިގޭ ޙުސައިން ތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ނ)ގެ ދަރިކަލުން މައިގޭ އަޙުމަދު ތައްޚާނުގެ ޢަލިދީދީގެ މަރިޔަމްދީދީގެ ފާނަންމަގު ޢަލީ މުޞްޠަފާ އެވެ.   

ޝައިޚުމުޙައްމަދު ޖަމާލުއްދީން، ނާއިބު ތުއްތު އާއި ޢަލީ މުޞްޠަފާގެ ޢާއިލީ ވަނަވަރަށް ރަނގަޅަށް ބައްލަވައިލެއްވުމުން "މުޙައްމަދު ތައްޚާނު" ކިޔާ ބޭފުޅުންނާ މެދު އޮޅުމެއް ނާރާނެކަމަށް ފެނެއެވެ.ފުވައްމުލަކު ދަޑިމަގު ކޮއްކިރި މުޙައްމަދު އެދުރު ކަލޭގެފާނުގެ ޢާއިލާއަކީ ދީނީ އަދި ޤައުމީޚިދުމަތުގައި ވެސް ފާހަގަކުރެވޭ ޢާއިލާއެކެވެ. ޕީ.އެޗް.ޑީ، މާސްޓަރޒް، ޑިގްރީ ހޯލްޑަރުންނާއި ތަފާތު ގިންތީތަކުގެ ޢިލްމީ ބޭފުޅުން މިހާރުވެސް އެބަ ތިއްބެވިއެވެ. ކަމަށް އެކަށީގެންވާ ކޮންމެވެސް ބޭފުޅެއްގެ ޤަލަމުން މިފަދަ ބޭފުޅުންގެ ޚިދުމަތަށް ބައްލަވައިލެއްވުމަކީ ޤައުމީ އަދި ވަޠަނީ ޚިދުމަތަކަށްވާނެ އެވެ.

ޝައިޚު މުޙައްމަދު ޖަމާލުއްދީން، ނާއިބު ތުއްތުގެ ޢިލްމުވެރިކަމާއި ޙަޔާތުގެ ބައެއް ކަންކަމަށް ވިޔަސް ބަލައިލައި މިހާރުގެ މީހަކު އެއްޗެއް ބުނުމަށްވުރެ އެކަމަށް އެންމެ އެކަށީގެންވާނީ ނައިބު ތުއްތުގެ އަރިހުން ޢިލްމު ޙާޞިލްކުރެއްވި އެދުވަސްވަރުގެ ބޭފުޅަކު އެއްޗެއް ވިދާޅުވުންކަމަށް ވުމަކީ އިތުބާރުހުރި ގޮތެއްގައި ކަމުގެ ޙަޤީޤަތަށް ވާޞިލްވުންކަމަށް އަޅުގަނޑުދެކޭތީވެ ޝައިޚު މުޙައްމަދު ޖަމާލުއްދީން، ނައިބު ތުއްތުގެ ދަރިވަރުންގެ ތެރެއިން ކުޅަދާނަ އަދީބު އަދި ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ބައިތަކެއް މިލިޔުމުގެ ތިރީގައި ހިމަނާލީމެވެ. އެ މަނިކުފާނުގެ އަމިއްލަފުޅު ޢިބާރާތުންނެވެ. މީގެ އިތުރަށް ޝައިޚު ނައިބު ތުއްތުގެ މަޢުލޫމާތު ހޯއްދެވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވިކިޕީޑިއާ އާއި އެމަނިކުފާނާއި ބެހޭ އެހެނިހެން ލިޔުންތަކުން ވެސް ގިނަ މަޢުލޫމާތްތަކެއް ލިބިވަޑައިގަންނަވާނެއެވެ.   ޝައިޚު ޙުސައިން ޞަލާޙުއްދީންގެ މިލިޔުއްވުން http://www.fanvai.info/dhivehi/34-thaareekh/2112-husan.html  މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ. 

ޝައިޚު ޙުސައިން ޞަލާޙުއްދީންގެ ލިޔުއްވުމުން:

"ބޮޑުގަލު މޫސާދީދީގެ ފުތް ދަރަވަންދޫގޭ ޙުސައިންދީދީގެ އެދުރުބެއިކަލަކީ އައްޑޫމީދޫ އައިސާބީގެދަރު ޙުސައިން ތަކުރުފާނުގެ ފުތް އަލްފަޤީހް އިބްރާހީމް ތަކުރުފާނު އަޚުލް ޤާޟީ މޫސާ ބަދްރުއްދީނެވެ. އައިސާބީގެދަރު ދޮންބެއްޔާއަކީ މި އިބްރާހީމް ތަކުރުފާނެވެ. މި ތަކުރުފާނަކީ ޤުރުއާން ހިތުދަސް ދަންނަބެއިކަލެކެވެ. ފިޤްހު ނަޙްވު ރަނގަޅަށް އޮޅުން ފިލައިގެން ހުންނެވި ބެއިކަލެކެވެ. ޔޫނާނީ ބޭސް ދެނެލައްވާ ޙަކީމެކެވެ. ތިލޭރު އަތްކަމާއި، ކަނބުރުވެރިކަމާއި، ފޭރާން ކުޅައުމާއި، މިކަންކަމަށް ކުޅަދާން މަސައްކަތްތެރިއެކެވެ. ދެބާވަތުގެ ވަޑާމަށް ކުޅަދާނަ މާވަޑިއެކެވެ. އާދަވެގެން މަހަށް ދުރުވާ ކެޔޮޅެކެވެ.

ޢިމާދުއްދީން ރަދުން ފަސްދާނަށް ވަޑައިގަތުމަށް ފަހަކު މާލޭގެ ފަތްކޮޅަކަށް ނޫނީ މި ތަކުރުފާނުން މާލެޔަކަށް ނުދުރުވެއެވެ. އެ ރަދުން ފަސްދާނަށް ވަޑައިގަތީ 1299  މި ވަނަ އަހަރު ޞަފަރުމަހު 25 ދުވަހުގައެވެ. މީގެ ފަހުގައި މި ތަކުރުފާނުން މާލެ ދުރުވީ ހަތަރުފަހަރު އެވެ. މީގެ ތެރެއިން ޙާޖީ އިމާދުއްދީން ރަދުންގެ ރަސްކަމުގެ ކުރީކޮޅުގައި މާލެ ދުރުވި ދަތުރު ރަށަށް ދުރުވިއިރު މި ތަކުރުފާނާ އެކުގައި މާލޭ ބޮޑުގަލު މޫސާދީދީގެ ފުތް ދަރަވަންދޫގޭ ޙުސައިންދީދީ ޢިލްމު ކިޔެވުމުގެ އެދުމުގައި އައްޑުއަށް ދިޔައެވެ. އެއީ 1311 މި ވަނަ އަހަރުއެވެ. މި ދަތުރު އެތަކުރުފާނުން ރަށަށް ދުރުވެފައި، މި ޙުސައިންދީދީ އަށާއި، މީދޫ އެދުރުގޭ އަޙްމަދު ދީދީ އަށާއި، މި ތަކުރުފާނުންގެ ފުތް އަޙްމަދު ދީދީ އަށާ ކިޔަވައިދެއްވާން ފަށްޓަވައިފިއެވެ. މި އިރު މި ތިން މީހުންގެމެ އުމުރުން 13 އަހަރުވެގެން 14 އަހަރަށް އަޅައިގަތީއެވެ. 

މިގޮތްމަތީގައި މި ދެ އަޙްމަދު ދީދީއަށާއި، ޙުސައިންދީދީއަށް  އަހަރާއި ހަތަރުމަސްވާންދެން ކިޔަވައިދެއްވާން އުޅުއްވައިފައި، ޙުސައިންދީދީ މާލެ ފޮނުއްވައިފިއެވެ. ފޮނުއްވަމުން އެދުރުގޭ އަޙްމަދުދީދީ އާއި ހުސައިންދީދީއާ ދެމީހުންނަށް ބުނުއްވިޔޭ، ދެން ތިޔައިގެ ދެކުދީން ނާއިބު ތުއްތޫގެ އަރިހަށް ދިއުމުން ކިޔެވިދާނެޔޭ، ކިޔަވައި ނުދެއްވަޔެއް ފަރަކު ވެސް ނުޖެހޭނެމެޔޭ، ދެން ޙުސައިންދީދީ މާލެ އަތުވެއްޖެއެވެ. ދެ އަޙްމަދުދީދީ އައްޑޫގައި ކިޔެވުމާއިގެން މަޝްޣޫލުވެ ތިއްބެވީ އެވެ.

މި ދުވަސްވަރުގައިމެ މަޖްދުއްދީނު ފަނޑިޔާރު ތަކުރުފާނުގެ އަޙްމަދު މަނިކު ވެސް ތުއްތޫގެ އަރިހުން ފިޤްހު ކިޔަވާން ހުންނެވިއެވެ. މި މަނިކު ކިޔަވަނީ "ޙާޝިޔަތުލް ބާޖޫރީ ޢަލާ ފަތްޙިލް ޤަރީބި” މި ފޮތެވެ. ކުޑަ ޙަސަން ތަކުރުފާނުންގެ ދެ ބޭފުޅުން ވެސް ކިޔަވައެވެ. ބޮޑުފެންވަޅުގޭ ނާއިބު މަނިކުފާނުން ފަރާއިޟު ކިޔަވައި ވިދާޅުވެއެވެ. ކިޔަވާ ފޮތަކީ "شرح الشنشوري على الرحبية"


މިފޮތެވެ. މާންދޫގޭ ދޮށީ މަނިއްޕުޅު ވެސް ފިޤްހުގެ “ފަތާވާ ޚަލީލީ” ކިޔަވާ ވިދާޅުވެއެވެ. މި މަނިއްޕުޅަށް ވެސް ޢަރަބިކަލާމް ދަސްފުޅުކޮށް އެރުވީ ދޮންބެއްޔާއެވެ. މި މަސައްކަތް ކުރެއްވީ ޙުސައިންދީދީ ގެންދެވި ދަތުރު މާލޭގައި ހުންނެވި ދުވަސްވަރުގައެވެ.”
ދެން ތުއްތޫގެ އަރިހުން ކިޔަވާން މިބައިމީހުން އުޅެއުޅެ ތިއްބައި ތުއްތޫއަށް ފަނޑިޔާރުކަމަށް ކޮލިލައި، އަނެއްކާ އެކަން ނެގި، އައްޑޫ އެޅަގޭ ޢަލީދީޔާއި ޙަވާލުވެ، ޙާޖީ މުޙައްމަދު ޢިމާދުއްދީނު ރަދުން ޙައްޖަށް ވަޑައިގަތުމަށް ފުރައިވަޑައިގަތްތާ އަށްވަނައަށްވީ ރެއި، ތުއްތޫ ނައިފަރަށް ދުރުވާން ފުރުއްވަވައި، އެ ފަހުން ހަޔެއްކަ މަސް ދުވަހުން މާލެ ދުރުވެ ކިޔަވައިދެއްވައި މި ގޮތްތައް ހިނގިއެވެ. ޢިމާދުއްދީނު ޙައްޖަށް ވަޑައިގަންނަވާން ފުރައިވަޑައިގަތް ދުވަހު ޙުސައިންދީދީއާ ބަންޑާރަ ނާއިބުކަމާ މަތިކުރެއްވިއެވެ. މިދުވަހަކީ 1318 މިވަނަ އަހަރުގެ ރަމަޟާންމަހު އެއްދުވަހެވެ.

ޢިމާދުއްދީނު މި ދަތުރުފުޅުން މާލެ ވަޑައިގަތްއިރު މި ރަދުންގެ އަރިހުގައި الشّيخ قاضي علي حُسام الدّين بن عبد القادر النسكي القاهري މި ކަލޭގެފާނުން މާލެޔަށް ދުރުވިއެވެ. މި ކަލޭގެފާނަކީ 1309 މިވަނަ އަހަރުން ފަށައިގެން، 1310 މިވަނަ އަހަރާ ދެމެދުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުކަމުގައި ހުންނެވި ބޭކަލެކެވެ. ޢަރަބި ޢިލްމަށް ވަރަށް ކުޅަދާނަ ޝާޢިރެކެވެ. މި ކަލޭގެފާނުން މި ދަތުރު މާލޭގައި ހުންނެވި ދުވަސްވަރުގައި ނާއިބުތުއްތޫ ބުނުއްވައިގެން ޙުސައިންދީދީ އާއި އަޙްމަދުދީދީއާ ދެމީހުން މި ކަލޭގެފާނުންގެ އަރިހުން ޞަރްފް ޢިލްމުގެ “ޒަންޖާނީ”އެވެ ކިޔޭ ފޮތަކާއި، ނަޙްވު ޢިލްމުގެ “ހިދާޔަތުއްނަޙްވި” ކިޔޭ ފޮތަކާ، ދެފޮތް އެކުއެކުގައި ކިޔެވޫއެވެ.

ކުޑަ ޙަސަން ތަކުރުފާނުންގެ ދެބޭން ވެސް ކިޔެވިއެވެ. ދެންފަހެ، ޙާޖީ ޢިމާދުއްދީނު ސުވޭހަށް ވަޑައިގެން، މިހާރު މިހުންނެވި، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނު އިބްނު އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރު މި ރަދުން އިސްވެވަޑައިގެން ނާއިބުތުއްތޫ މާއެނބޫދޫއަށް އަރުވައިލެވި، އެޅަގޭ ޢަލީދީދީ އަވަހާރަވެ، އަލްޚަޠީބު ޙުސައިން އިބްނު އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނު މި މަނިކުފާނާ ތިންވަނަ ފަހަރަށް ފަނޑިޔާރުކަމާ ޙަވާލުވެ މިކަންކަން ހިނގުމަށް ފަހު، އެދުރުގޭ އަޙްމަދުދީދީ ރަށަށް ވަޑައިގެން، ރަށުގައި ވަޒަންވެރިވެގެން ހުންނަވައިފި އެވެ. 

މި ކަންކަން ހިނގިއިރު ދަރަވަންދޫގޭ ޙުސައިންދީދީ ހުރީ އޮޅުދޫކަރައިގެ ކޮޅުނބުގައެވެ. ބަހާއުއްދީން ފަނޑިޔާރު ތަކުރުފާނުންގެ ދޮންމަނިކު ހުންނެވީ ކިޔަވާން ދުރުވެ މައްކާގައެވެ. އެޅަގޭ ޢަލީދީދީ އަވަހާރަވީތާ ގިނަ ދުވަސްތަކެއް ނުވަނީސް ދޮންމަނިކު މާލެ ދުރުވެ، ޢަލީދީދީގެ އަނބިކަނބަލުން ބަދްރުއްދީން ފަނޑިޔާރު ތަކުރުފާނުންގެ ފާޠިމާ މަނިކެޔާއި ދޮންމަނިކުގެ އަނބިކަނބަލުން، ޢަލީދީދީގެ މަރްޔަމްދީދީއާ ދެމައިންނާގެން ރަށަށް ދުރުވެއްޖެއެވެ. އެއީ 1321 މިވަނަ އަހަރުގައެވެ.

ޙުސައިންދީދީ އަހަރު ދުވަސްވާންދެން ކޮޅުނބުގައި ހުރެފައި މާލެ އައިސް، މާލޭގައި ހުއްޓައި 1323 މިވަނަ އަހަރުގެ ރަމަޟާންމަހު 22 މި ދުވަހު ނާއިބު ތުއްތޫ މާއެނބޫދޫގައި ހުންނަވައި ނިޔައުވެއްޖެއެވެ. މި ނާއިބު ތުއްތޫގެ ނަމަކީ، އައްޝައިޚް އަލްފަޤީހް މުޙައްމަދު ޖަމާލުއްދީނު އިބްނު އައްނާއިބު ޢީސަލްމުލަކީ (ރަޙިމަހުﷲ) މިއެވެ. މީނާގެ ބައްޕާ ޢީސާ ނާއިބު ތަކުރުފާނަކީ އަލްޤާޟީ އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނުގެ ޒަމާނުގައި މާލޭގެ ބޮޑު ނާއިބު ކަމުގައި ހުންނެވި ބެއިކަލެކެވެ. މި ތަކުރުފާނުންގެ ބައްޕާއަކީ މުލަކު އެޅަތޮށިގޭ މުޙައްމަދު ތަކުރުފާނެވެ. މި ތަކުރުފާނަކީ ފުވައްމުލަކުގެ ރަނގަޅު ދަރިކޮޅަކުން އައިސް ހުރި މީހެކެވެ. ޢީސާ ނާއިބު ތަކުރުފާނުން މާލޭގެ ނާއިބުކަމުގައި ހުންނަވައި މާލޭ ފުއްލާގޭ މަ ރިޔަންފުޅެވެ ކިޔޭ މީހަކާ ކާވަނި ބައްލަވައިގެން ނާއިބުތުއްތޫވާއި، އަދި އަންހެންކުއްޖަކާ ލިބުނެވެ. ތުއްތޫގެ ދާދި ޅަފުރާގައި ޢީސާ ނާއިބު ތަކުރުފާނުން ނިޔައުވެއްޖެއެވެ. ދެން މި މަ ރިޔަންފުޅާ ކާވަނި ބައްލަވައިގަތީ އައްނާއިބު އަޙްމަދު އިބްނު އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން ބަންޑާރަ ނާއިބު މަނިކުފާނެވެ. ތުއްތޫ ބޮޑުވީ މި މަނިކުފާނުންގެ އަރިހުގައި ހުންނަވައެވެ. ދާދި ޅަފުރާގައި އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީންގެ އަރިހުން އަރަބި ކިޔެވުމާގެން މަޝްޣޫލުވެއްޖެއެވެ. ތުއްތޫގެ ފުރަތަމަ އެދުރު ބެއިކަލަކީ، އަދި ވަކީން ޚާއްޞަކޮށް ރައިވަރުގެ އެދުރު ބެއިކަލަކީ މި ފަނޑިޔާރު މަނިކުފާނެވެ. ދާދި ޅައިރުއްސުރެ ހިތް އަލިކަމާއި ވިސްނުން ތޫނުކަމުގެ އަލާމާތްތައް ފެންނާން ފަށައިފިއެވެ.

އައްނާއިބު އަޙްމަދު ބަންޑާރަ ނާއިބު މަނިކުފާނުން އަވަހާރަވީ ބޭސްވެރިކަމަކު މާއެނބޫދޫއަށް ވަޑައިގެން ހުންނަވަނިކޮށް އެރަށުގައި ހުންނަވައި 1281 މިވަނަ އަހަރުގެ ރަބީޢުލްއައްވަލު 29 މިދުވަހުގައެވެ. ތުއްތޫއަށް ބަފައިކަލަކު ކަމުގައި ފެނިލެއްވީ މި މަނިކުފާނެވެ.

1285 
މިވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހު 7 މިދުވަހު ޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނުން އަވަހާރަވެގެން ޤާޟީ އިބްރާހީމް މަޖްދުއްދީން، މި ތަކުރުފާނުން ފަނޑިޔާރުކަމަށް ދުރުވުމަށްފަހު، މި ތަކުރުފާނުންގެ އަރިހުން ކިޔެވުމާ މަޝްޣޫލުވެއްޖެ އެވެ. މި ދުވަސްވަރުގައި ތުއްތޫއަށް ބޮޑު ނާއިބުކަން ވެސް ލިބިއްޖެ އެވެ.1287 މިވަނަ އަހަރުގެ ޞަފަރުމަހު 6 މި ދުވަހު ޤާޟީ އިބްރާހީމް މަޖްދުއްދީން ފަނޑިޔާރު ތަކުރުފާނުން ނިޔައުވީއިރު، މި ތުއްތޫ ހުންނެވީ ނަޙްވު ފިޤްހަށް ފާގަތިވެ ކުރި އަރައިފައެވެ. ދެން ފަނޑިޔާރުކަމަށް އިސްވި ޤާޟީ މޫސާ ބަދްރުއްދީން ފަނޑިޔާރު ތަކުރުފާނުން އިސްވެފައި، ޤާޟީ އިބްރާހީމް މަޖްދުއްދީނުގެ ފުތް އިސްމާޢީލް މަނިކަށް ބަންޑާރަ ނާއިބުކަން ދެއްވައިފޫއެވެ. މި ފަނޑިޔާރު ތަކުރުފާނުންގެ ޒަމާނުގައި ދީނުގެ ކަންކަމާއި ޝަރީޢަތުގެ ކަންތައް ހިންގަވާން ތިއްބެވީ، މި ނަންގަތް ނާއިބު މަނިކާއި، ނާއިބު ތުއްތޫ އާއި ޢަބްދުﷲ ނާއިބު މަނިކުފާނާއި، ދޮން ނާއިބު މަނިކާއެވެ. ދީނުގެ ކަންތައް މިޔަށްވުރެން ރަނގަޅަށް ހިނގި ޒަމާނެއް މި ފަހަކުން ނާންނަކަމަށް މީހުން ބުނެ އުޅެތެވެ.

މި މޫސާ ފަނޑިޔާރު ތަކުރުފާނުން ދެ އަހަރު ފަނޑިޔާރު ކަންތައް ކުރައްވައިފައި ރަށަށް ދުރުވެ ރަށުގައި ނިޔައުވެއްޖެއެވެ. މިޔަށް ފަހު ދުވަސްކޮޅަކުން ތުއްތޫ އޮޅުދޫ ކަރަޔަށް ދުރުވެ ބޭރުވެލީގައި ހުންނެވި މަޝްހޫރު އަލްޢާލިމުލް ޢައްލާމާ ޢަލްޢާރިފް ބިﷲ އައްޝައިޚް މުޞްޠަފާ ބިން ބާވާ އާދަމް ރަޙިމަހުﷲ މި ކަލޭގެފާނުންގެ އަރިހުގައި ހުންނަވައިގެން ޢިލްމު އުނގެނުމާއި މަޝްޣޫލުވެއްޖެ އެވެ. މި ދަތުރު އޮޅުދޫ ކަރައިގައި އުޅުއްވައިފައި ރާއްޖެއަށް ދުރުވީ 1300 މި ވަނަ އަހަރުގެ ތެރޭގައެވެ.

“1303
މި ވަނަ އަހަރުގެ ތެރޭގައި ޙައްޖުވުމުގެ ގަސްތުގައި ޙިޖާޒު ކަރަޔަށް ދުރުވެ މައްކާގައި އެއިރު ހުންނެވި އިމާމް އަލްމުތައައްޚިރީނަ މުފްތިލް ޙަރަމައިނި އަލްޢާލިމުލް ޢައްލާމާ އަލްޢާރިފް ބިﷲ އައްސައްޔިދު އަޙްމަދު ޒައިނީ ދަޙްލާން ރަޙިމަހުﷲ މިކަލޭގެފާނަށް ދަރިވަރުވުމުގެ މާތްކަން ޙާޞިލުކުރެއްވިއެވެ. މިދަތުރުގައި އަލްޚަޠީބު ޙުސައިން އިބްނު އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން މި މަނިކުފާނާއި އައްނާއިބު އަޙްމަދު އިބްނު އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން މި މަނިކުފާނުންގެ ދަރިކަނބަލުން ދަނބުގޭ ދޮންދީދީއާ ވަޑައިގަތެވެ. މި ދޮންދީދީއަކީ، ޢިމާދުއްދީން ރަދުން ފަސްދާނަށް ވަޑައިގަތްއިރު އިންނެވި އަނބިކަނބަލުންނެވެ. އަދި ޢިމާދުއްދީން ރަދުންގެ ގަލޮޅު ގަނޑުވަރު ގޮމައާއި މި ގޮމާގެ ފިރިކަލުން ކަކައިގޭ ޢަބްދުﷲ ފާށަނާ ކިލެގެފާނާ ދެކަނބަލުން ވެސް ވަޑައިގަތެވެ. ކަނޑޫދޫގޭ ޙަސަން ކަލޭގެފާނުން ނިޔައުވީ، މި ދަތުރު މި ބޭފުޅުންގެ އަރިހުގައި ދުރުވެ މައްކާގައެވެ.

މި ދަތުރުކުރައްވައިފައި ތުއްތޫ މާލެޔަށް ދުރުވިއިރު މާލެއޮތީ ތުއްތޫގެ ރައިވަރުގައި އެކިޔުއްވާހެން ބަތާނަ ފުށުން ޖެހިފައެވެ. އައްސުލްޠާން އިބްރާހީމް ނޫރައްދީން ރަދުން ޢަޒުލުކުރެވިފައެވެ. ޤާޟީ އިސްމާޢީލް ބަހާއުއްދީން ފަނޑިޔާރު ތަކުރުފާނުން އޮންނެވީ އަރުވައިލާން އޮޑިޔަށް ލެއްވިފައި، އޮޑީގައެވެ.

“1306
މިވަނަ އަހަރު އައްސުލްޠާން އިބްރާހީމް ނޫރައްދީން ރަދުން ދެވަނަ ފަހަރު ތަޚްތަށް އިސްވެ ވަޑައިގަތްތަނާ ތުއްތޫ ފެހެންދުއަށް އަރުވައިލެވުނެވެ. ދެން މާލެ ގެންނެވުނީ 1310 މިވަނަ އަހަރުގައެވެ. 

ތުއްތޫގެ ފިޤްހުވެރިކަމާއި ޢަރަބި ޢިލްމަށް ކުޅަދާނަކަމާއި ބޭސްވެރިކަމާއި މި ކަންކަމަށް ހުރި ކުޅަދާނަކަމީ ތުއްތޫ ހައްދަވައިފައި ހުރި ތަކެއްޗަށް ބަލައި ވިސްނައިލުމުން އެނގިދާންހުރި ކަމެކެވެ.

ބަނޑޭރި ޙަސަން މަނިކުފާނަށް ނޫނީ އެހެން މީހަކަށް ތުއްތޫ ހެއްދެވި ވަރަކަށް ދިވެހިބަހުން ރައިވަރު ކިއިފައި ހުއްޓައެއް ނުފެނެއެވެ. ބަނޑޭރި ޙަސަން މަނިކުފާނަކީ މުޢީނުއްދީން ރަދުންގެ ޅެންވެރިމީހާ އެވެ. އޭނާ ނިޔައުވީތާ މި އަހަރު މިއީ ސަތޭކަވަރަކަށް އަހަރެވެ.

ޢަރަބިބަހުން ތުއްތޫ ކިޔުއްވައިފައި ހުރި ޅެންތަކީ ވެސް ބަލާޣަތްތެރިކަމުގެ ކުރީ ދަރަޖައިގައިވާ ޅެންތަކެކެވެ. އަރަބިބަހުން ޅެން ހެއްދެވުމާ މެދުގައި ތުއްތޫގެ އެދުރު ބެއިކަލަކީ އައްސައްޔިދު ޢުމަރު ޔައުމައިނި އަލްޔަމަނީ މިކަލޭގެފާނެވެ. މިއީ ޢަރަބި ޅެމަށް މަޝްހޫރު ޝާޢިރެކެވެ.

ނާއިބު ތުއްތޫއަކީ، ހެދިހުރި ހަށިގަނޑު މެދުމިން، އިސްކޮޅު ތެދު، އުނަގަނޑަށް ހިމަ، ހިމަތޮޅި، ބައިމަތިފުޅައު، އަތްފައި ރީތި، ކުލަދޮން، ކަޅިރަވަ ތޫނު، ތުނބުޅި ތުނި މީހެކެވެ. ތުނބުޅި ހުންނަނީ ދިގު ކުރައްވައިފައެވެ. އުނަގަނޑު މަތީ ސާލު ރުމާލެއް ބަންނަވައިފައި ހުރެއެވެ. އަޑު މަޚްރަޖު ރީތި މީހެކެވެ. ވަރަށް ނިދި މަދު، ކެއިން ބެއްލެވުން މަދު މީހެކެވެ. ފައިސާ އެއްކުޅައުމަކާއި، ގެދޮރު ބިނާ ކުޅައުމެއް ނެތެވެ. ބަސްގަދަ، ޒުވާބުގަދަ، ބުނުއްވާންވެއްޖެ ބަހެއް ބުނުއްވުމުގައި ޖެހިލުމެއް ނެތް، ތޫނުފިލި މީހެކެވެ.

ނާއިބު ތުއްތޫއަކީ އޭނާގެ ޢުމުރުން ފަސްދޮޅަސް ދެ އަހަރުވެގެން ތިން އަހަރަށް ދަނިކޮށް ނިޔައުވީ ބެއިކަލެކެވެ. ނިޔައުވީ ހުންކޮށި ދުޅަވުމުގެ ބަލީގައެވެ. ނިޔައުވީ އިރު އަރިހުގައި ތިބީ އޭނާގެ އެއްބަނޑު ދޮންތުއްތޫ އާއި، ފުވައްމުލަކު އެޅަތޮށިގޭ މުޙައްމަދުދީދީގެ ތުއްތުދީދީ އާއި އަދި މާއެނބޫދޫގެ ދެތިން މީހަކާއެވެ. ވަރަށް ރީތިކޮށް ހެއިހުރެގެން ވާހަކަ ދައްކަވައި، ވަޞިއްޔަތްކުރައްވައި، ޝަހާދަތް ކިޔުއްވަމުން ކަމުގައި އެމީހުން ބުނޫއެވެ. ދުނިޔޭގެ ވާހަކަޔަކުން އެންމެ ފަހުން ބުނުއްވި ބަހަކީ، އަހަރެން މަރުވީމައި، އަހަރެންގެ ލިޔާ ގަލަންދާނާއި ދަވާދާ ގެންގޮސް ދަރަވަންދޫގޭ ތުއްތުދީދީގެ އަތްޕުޅަށް އަރުވާށޭ، މިހެން ކަމުގައި އެތާގައި ތިބި މީހުން ބުނޫއެވެ. މިހާރު މިލިޔާ އަކުރުތަކަކީ ވެސް އެދަވާދުން ލިޔެވޭ އަކުރުތަކެކެވެ.

 1321
މިވަނަ އަހަރުގެ ޙައްޖުމަހު 11 މި ދުވަހު ތުއްތޫ މާއެނބޫދޫއަށް ފޮނުވައިލެއްވުނެވެ. މި ރަށުގައި ހުންނަވައި ނިޔައުވެ، އައްނާއިބު އަޙްމަދު ބަންޑާރަ ނާއިބު މަނިކުފާނުންގެ އަރިހުގައި ވަޅުލެވިއްޖެއެވެ. ރަޙިމަހުﷲ"

މަތިވެރި ﷲ އަލްމަރުޙޫމް އައްޝައިޚް އަލްފަޤީހް މުޙައްމަދު ޖަމާލުއްދީނު، ނާއިބުތުއްތޫގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން!
                  --------------------

ޢަބުދުﷲ ޙިލްމީ
06 ސެޕްޓެމްބަރ 2012މ.

މަޢުލޫމާތުގެ ޙިއްޞާ:
ޢަލިދީދީ ވިދުވަރުގެ/ ޏ. ފުވައްމުލައް
http://www.fanvai.info