ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނު


ކާބަފައިންގެ ދުވަސްވަރު ފޯރުންތެރިކަން ހުރި ބައެއް ގޭގެ ބޭނުންތެރި އެކި އެއްޗެހި ބެހެއްޓޭގޮތަށް އެ ގެއެއްގެ ބިތުގައި ފިލައެއް ހަރުކޮށްފައި ހުރެއެވެ. އެދުވަސްވަރު އެއަށް ކިޔައި އުޅުނީ "މަތާރަންފިލާ" އެވެ. އޭގެ ބަދަލުގައި އެބޭނުމަށް ގޭގޭގައި މިހާރު ހުންނަނީ ކޮން އެއްޗެއްކަމެއް އެއަށް ކިޔަނީ ކޮން ނަމެއްކަން އަޅުގަނޑަކަށް ނޭނގެއެވެ. މިދެންނެވި "މަތާރަންފިލާ" ހުންނަނީ އެފިލައިގެ މަތީގައި ބަހައްޓާފައި ހުންނަ އެއްޗެހި ހޭވަރިކަން ނުވާ އުމުރުގެ ކުދިންނަށް ފަސޭހައިން ނުނެގޭނޭ އުސްމިނެއްގަ އެވެ. އެހެންވުމުން މިފިލާގައި ހުންނަ އެއްޗިއްސާއި އެ ގެއެއްގެ ކުދިވެރިން ބެހި އެތަކެތި ނަގައި ނޫޅޭނެއެވެ. ކުޑަކުދިން ނަގައި އުޅުމުން އެ އެއްޗެއް ފިޔަވައި އެކުދިންނަށް ވެސް ގެއްލުމެއްވެދާނޭ އެއްޗެހި ބައެއްފަހަރު އެ ފިލާގައި ހުރެއެވެ. 

މަތާރަންފިލާ މަތީގައި ދެ އެއްޗެއް ހުންނަކަމަށް ބެލެވެއެވެ. އެކައްޗަކީ ތަކެއްޗެވެ. އަނެކައްޗަކީ ލިޔެފައިވާ ލިޔުންތަކެވެ. މަޢުލޫމާތެވެ. ދުވަސް ދުވަސްކޮޅުން އެ އެއްޗެހި ފޮޅައި ސާފު ނުކުރާނަމަ އެ އެއްޗިހި ހުންނާނީ ހިރަފުސް ބުރައި ނުސާފުވެފައެވެ. މިގޮތަށް ވާނެ އެއްޗެއް ވާން ފަރުވާކުޑަކޮށް ދޫކޮށްލެވޭ މަޢުލޫމާތެއްގައި އެންމެފަހުން ކަތުރުފަނި އަޅައި އޭގެ ޝިކާރައަކަށް ވެއްޖެނަމަ ދެން އެ އެއްޗެއްގެ ބޭނުމެއް ނުހިފޭނެއެވެ. ހަލާކުވެ ނެތިދާނެއެވެ. އެހެންވީމާ "މަތާރަންފިލާ"ގައި ހުންނަ ތަކެތި ފޮޅައި ސާފުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެކަން ކުރަންޖެހެނީ އެ އެއްޗިއްސާއި އޭގެ ބޭނުންކުރަން ޖެހޭ ބަޔަކަށްޓަކައެވެ. އެހެންނޫންނަމަ ކޮންމެހެން އެއްވެސް އެއްޗެއް "މަތާރަންފިލާ"ގައި ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. ބަހައްޓަންވަނީ ކުނި ވަށީގައެވެ. އަވަހަށް އުކާލެވޭނީ ވެސް އޭރުންނެވެ.

މިލިޔުމުގައިވާ މަޢުލޫމާތަކީ މިވަގުތަށް އަޅުގަނޑަށް ވާން އޮތް ވަރަކުން ހިރަފުސް ފޮޅައި ސާފުކުރެވޭތޯ ބަލާފައިވާ މަޢުލޫމާތެވެ. އަޅުގަނޑަށް މިކަން ކުރެވިފައިވަނީ ރަނގަޅަށް ނޫންނަމަ އެހެން ބޭފުޅުން ވެސް މިކަމާއި އުޅުއްވުމަކީ ނެތްކަމެއް ނޫނެވެ. އޮތް ކަމެކެވެ. އެންމެންގެ ކަމެއްގެ ގޮތަށެވެ. މިއީ އެކަހަލަ ކަމެއް ނޫންތޯއެވެ. މީހަކު ދުނިޔޭގައި ކުރަންޖެހޭ ކޮންމެކަމަކީ އެކަމެއްގައި އޭނާއަށް މާލީ މަންފާއެއް ލިބުން ކޮންމެހެން ލާޒިމްކަމެއް ނޫނެވެ. މިހެނީ އެއީ ދުނިޔެ "ތަޢުމީރު" ކުރުމުގެ ބަޔެކެވެ. ކުރަންޖެހޭ ކަމެކެވެ. ދުނިޔެ "ތަޢުމީރު" ކުރުމުގެ ބައިގައި މިކަން ހިމެނިފައިނުވާނަމަ އަދި މީހަކު ކުރާ ކޮންމެކަމަކީ އޭނާއަށް މާލީ މަންފާއެއް ލިބުން ލާޒިމްކުރާ ކަމަކަށް ވާނަމަ އެމީހަކު ދުނިޔެ ދޫކޮށް ދާއިރު އެމީހަކަށް ގެންދެވޭނޭ ހާދަ ތަކެއްޗަކާއި ފައިސާއެއް ވެސް ހުރީހެވެ. އެކަމަކު އެކަން އެގޮތަކަށް ނެތެއް ނޫންތޯއެވެ.

ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަކީ ޢިލްމުވެރި އަދި ވަރަށްމޮޅު ބޭސްވެރިއެކެވެ. ސަމާސާ މިޒާޖެއްގެ ބޭފުޅެކެވެ. އެ ޢާއިލާގެ ގިނަ ބޭފުޅުންނަކީ ވެސް މަތިމަތިކޮޅުން ފެށިގެން ޢިލްމުވެރި މޮޅު ބޭސްވެރިންނެވެ. އަދި މިބޭފުޅުންނަކީ ރައްޔިތުންގެ ގިނަ ބަޔަކަށް ޚާއްޞަކޮށް އައްޑޫ ހުވަދޫ ފުވައްމުލައް ފިޔަވައި މާލެއާ އެހެން ބައެއް އަތޮޅުތަކުގެ ވަރަށް ގިނަ ބަޔަކަށް އެބޭފުޅުންގެ ބޭސްވެރިކަން ނޫނަސް މަންފާކުރަނިވި އެހެނިހެން ކަންކަން ވެސް ފޯރުކޮށްދެއްވި ޚިދުމަތްތެރި ބޭފުޅުންނެވެ. އެކަންއޮތީ އެހެންކަމަށްވާއިރު މިފަދަ ބޭފުޅުންގެ ޛިކުރާއަކީ އައުކުރެވޭ އެއްޗަކަށްވާން ޖެހެއެވެ. އެފަދަ ކަންކަން އޮޅިގެން ދިޔަދީގެން ނުވާނެއެވެ. މިކަމަށްޓަކައި މިފަހަރު މިކަމާއި އުޅެވޭ އަޅުގަނޑަކީ ހުވަދޫ މީހެކޭ ބުނެވޭއިރު ފުވައްމުލަކު ބޭފުޅެއްގެ ކަމަކާއި ތެދުވަން އެންމެއެކަށޭނަ މީހަކީ އަޅުގަނޑުތޯ ބައެއް ބޭފުޅުންގެ ހިތްޕުޅުގައި ސުވާލު އުފެދުމަކީ ވެދާނެ ކަމެއްކަން އަޅުގަނޑަށް އެނގެއެވެ. އެހެންވީމާ އެއްވެސް ދޮގެއްނެތި އޭގެ ތެދު ޖަވާބެއް އަރުވަންޖެހޭނަމަ އެރުވޭނެ ޖަވާބަކީ އަޅުގަނޑަކީ ފުވައްމުލައް، އައްޑޫ، އަދި ހުވަދޫގެ ވެސް މީހެއްކަމަށެވެ. 

މިލިޔުމުގެ މައިގަނޑު ނަން ނިސްބަތްވާ ފަރާތާއި ގުޅުންހުރި ބައެއް ކަންކަމަށް ބަލައިލަމާތޯއެވެ. ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނުގެ އެވެ. 
  
ވައުރުލު (ހުވަދުއަތޮޅު ވާރުލޫ) ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކު ފުވައްމުލަކަށް ވަޑައިގެން ކައިވެނިކުރެއްވީ އެރަށު ބަނޑިޔައި ޙައްވާ ކަނބުލޭގެފާނާ އެވެ. އޭގެފަހުން އެބޭފުޅުން ދިރިއުޅުއްވުމަށް މުލަކުގައި އެޅުއްވި ގެޔަށް ކިޔަނީ "ދިހެރޭމަގު" އެވެ. މި ދެމަފިރިންނަށް ލިބިވަޑައިގަތް ބޭފުޅުންނަކީ ދޮންމަނިކާ ނުވަތަ މުޙައްމަދު މަނިކު، (ފަހުން މުޙައްމަދު ހިރިހަމައިދި ކަލޭގެފާނު) ފާޠިމާ މަނިކެ،  ޢާއިޝާ މަނިކެ،  އަދި މަރިޔަމް މަނިކެ މި 4 ބޭފުޅުންނެވެ. މިހުރިހާ ބޭފުޅުންގެ ވެސް ނަމުގެ ކުރިޔަށް އެބޭފުޅުންގެ ޢާއިލީގޭގެ ނަން ކިޔައިއުޅެއެވެ. "ދިހެރޭމަގު" ދޮންމަނިކާ "ދިހެރޭމަގު ފާޠިމާ މަނިކެ" މިހެންނެވެ. 

ދޮން ޢަލިމަނިކުގެ އަނބިކަނބަލުންނަށް "ކަނބުލޭގެފާނު"ގެ ދަރަޖަ ނުވަތަ މަޖިލީހަށް އެރުވުމުގެ ދަރަޖަ ދެއްވީ އެ ދެމަފިރިކަނބަލުންގެ ކައިވެންޏަށްފަހު ދޮން ޢަލިމަނިކުގެ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމަށްޓަކައެވެ. އޭނާގެ އަނބިކަނބަލުންނަށް އެ ދަރަޖަ ދެއްވީ މުސްކުޅި ބަންޑާރައިން އެކަމަށް ބޭނުންފުޅުވެގެންނެވެ.

(މަޖިލީހަށް އެރުވުމަކީ އިހުގައި ދައުލަތުން ދެއްވާ ވަކި ދަރަޖައެއް ލިބުމެވެ. މިދަރަޖަ ލިބިފައި ތިބޭ ފިރިހެނުންނަށް ޢާއްމުގޮތެއްގައި ކިޔައި އުޅެނީ ކަލޭގެފާނެވެ. އަންހެނުންނަށް ކަނބުލޭގެފާނެވެ. އެމީހަކަށް ކިޔަމުން އައި ނަމެއްގެ ފަހަތަށް ދަރަޖައިގެ ނަން އާދެއެވެ. ޙަސަން ކަލޭގެފާނު، މަރިޔަމް ކަނބުލޭގެފާނު މިގޮތަށެވެ. ނަމަވެސް ދީދީ ނުވަތަ މަނިކު ނުވަތަ ތުއްތު ކިޔާމީހަކު މަޖިލީހަށް އަރުވައިފިނަމަ އޭނާގެ ނަމަކަށް ބަދަލެއް ނާންނާނެ ކަމަށް ލިޔުންތަކުން ފެނެއެވެ.) 

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަށް 4 ކައިވެނިން 10 ބޭފުޅުން ލިބިވަޑައިގަތެވެ. ހިރިހަމައިދި ކަލޭގެފާނު ފުރަތަމަ ކައިވެނިކުރެއްވީ ކިލެގެފާނުގެ ޙަސަންދީދީގެ "ފެނާތުރު" ދޮންދީދީ އާ އެވެ. "ފެނާތުރު" މިއީ ގޭގެ ނަމެވެ. ލިބިވަޑައިގަތީ މަރިޔަމްދީދީ އެވެ.

މުޙައްމަދު ހިރިހަމައިދި ކަލޭގެފާނު ދެވަނައަށް ކައިވެނިކުރެއްވީ ފުނާޑު ގަނޑުވަރު ދޮންދީދީ ނުވަތަ ކިލެގެފާނުގެ ޙުސޭންދީދީގެ ދޮންދީދީ އާ އެވެ. ލިބިވަޑައިގަތީ ވާރު ޢަލިދީދީ،  އަޙުމަދުދީދީ،  މޫސާދީދީ،  އިބްރާހިމްދީދީ،  އަދި ޙަސަންދީދީ އެވެ.
މުޙައްމަދު ހިރިހަމައިދި ކަލޭގެފާނު ތިންވަނައަށް ކައިވެނިކުރެއްވީ މާދަޑު ކެޔޮޅުގެ ޙުސައިން ތައްޚާނުގެ ޢާއިޝާ މަނިކެ އާ އެވެ. ލިބި ވަޑައިގަތީ ޙައްވާ މަނިކެ އެވެ. (މި ދަރިކޮޅުވަނީ މާލޭގައެވެ.)
މުޙައްމަދު ހިރިހަމައިދި ކަލޭގެފާނު ހަތަރުވަނައަށް ކައިވެނިކުރެއްވީ ކިލެގެފާނުގެ ދޮންދީދީގެ އެޅަތޮށިގޭ ޙަސަންދީދީގެ ޢާއިޝާދީދީ އާ އެވެ. ލިބިވަޑައިގަތީ ޢަބުދުﷲ ދީދީ، އިސްމާޢީލްދީދީ، އަދި ތުއްތުދީދީ އެވެ. މިބޭފުޅުންގެ ނަމުގެ ކުރިޔަށް އެބޭފުޅުންގެ ޢާއިލީގެ "އައްޑޫގެ" ކިޔައެވެ.

މުޙައްމަދު ހިރިހަމައިދި ކަލޭގެފާނުގެ ދަރިކަލުން އައްޑޫގޭ ޢަބުދުﷲ ދީދީ ފުރަތަމަ ކައިވެނިކުރެއްވީ އައްޑޫ ހުޅުދޫ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ މޫސާ މަނިކުފާނުގެ ދޮންދީދީގެ މަރިޔަމްދީދީއާ އެވެ. މި ދޮންދީދީގެ މަންމައަކީ ކިލެގެފާނުގެ ޢާއިޝާދީދީގެ މީދޫ ގަނޑުވަރު އަޙުމަދުދީދީގެ ޙައްވާދީދީ އެވެ. މިމަރިޔަމްދީދީގެ ބައްޕައަކީ ކިލެގެފާނުގެ އާމިނާދީދީގެ ބެރިމަގު ޢަލިދީދީއެވެ. ލިބިވަޑައިގަތީ އިބްރާހިމްދީދީ އެވެ. އިބްރާހީމްދީދީގެ ޢާއިލާ އެބައޮތެވެ. 

އައްޑޫގޭ ޢަބުދުﷲ ދީދީ ދެވަނައަށް ކައިވެނިކުރެއްވީ ކިލެގެފާނުގެ ޢާއިޝާދީދީގެ ދޮންދީދީ (ކޮނޑޭދީދީ)ގެ އިބްރާހިމްދީދީގެ ޚަދީޖާދީދީ (ދެއްވަދޫ ގަނޑުވަރުދީދީ)ގެ އިސްމާޢީލްދީދީގެ މުޙައްމަދު ދީދީގެ އާމިނާދީދީ އާ އެވެ. ލިބިވަޑައިގަތް ބޭފުޅަކީ ފާޠިމާދީދީ އެވެ. ފާޠިމާދީދީ ދުނިޔެ ދޫކުރެއްވި އިރު އޭނާ އާ ކައިވެނިކުރައްވައިގެން ހުންނެވީ ފުވައްމުލަކު "ވިއުޕާރކް" ޢަދުނާނު އިބްރާހިމްދީދީ (މާދަޑުބޭގެ އިބްރާހިމްދީދީގެ ޢަދުނާނު އިބްރާހިމްދީދީ) އެވެ. 

އައްޑޫގޭ ޢަބުދުﷲ ދީދީ ތިންވަނައަށް ކައިވެނިކުރެއްވީ ހަވަރުތިނަދޫ މަރިޔަމް ޙަސަން(ރެކިދައްތަ) އާ އެވެ. ލިބިވަޑައިގަތީ މުޙައްމަދު ދީދީ،  ފާޠިމާދީދީ، ޙަސަންދީދީ، އަދި އަޙުމަދުދީދީ އެވެ. މި ބޭފުޅުންގެ ޢާއިލާ ފުވައްމުލަކުގައި އެބަ އޮތެވެ. 

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ "ދިހެރޭމަގު" ފާޠިމާ މަނިކެ އާ ކުރިން ކައިވެނިކުރެއްވީ ޤާޟީ އިބްރާހިމް މަޖުދުއްދީނެވެ. ލިބިވަޑައިގަތީ އައްނާއިބު މުޙައްމަދު މަނިކު، ކަތްދާ މަނިކެ، ޙުސައިން މަނިކު، މި 3 ބޭފުޅުންނެވެ. ފާޠިމާ މަނިކެގެ ނަމުގެ ކުރިއަށް "ދަފަގެދަރު" ކިޔަން ފެށުނީ ޤާޟީ އިބްރާހިމް މަޖުދުއްދީނަށް ފަހު ފާޠިމާ މަނިކެ އާ ކައިވެނިކުރެއްވި ކިލެގެފާނުގެ އަޙުމަދުދީދީ އާ ފާޠިމާ މަނިކެ އާ ދެމަފިރިކަނބަލުން ތިއްބެވުމަށް އެޅުއްވި ގެއަށް "ދަފަގެދަރު" ކިޔުމުންނެވެ. އޭގެ ކުރިން ފާޠިމާ މަނިކެގެ ނަމުގެ ކުރިއަށް ކިޔައި އުޅުނީ އެ ބޭފުޅުންގެ ޢާއިލީ ގެ ކަމަށްވާ "ދިހެރޭމަގު" އެވެ.

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ "ދިހެރޭމަގު" ފާޠިމާ މަނިކެ އާ ޤާޟީ އިބްރާހިމް މަޖުދުއްދީންގެ ފަހުން ކައިވެނިކުރެއްވީ ކިލެގެފާނުގެ އަޙުމަދުދީދީ އެވެ. ލިބިވަޑައިގަތް ބޭފުޅުންނަކީ އާމިނާދީދީ، އަދި ޢާއިޝާދީދީ އެވެ.
ޢާއިޝާދީދީ އާ ކައިވެނިކުރެއްވީ ކިލެގެފާނުގެ މުޙައްމަދުދީދީގެ އިބްރާހިމްދީދީގެ ކަރެއްޔަ މުޙައްމަދުދީދީ އެވެ. އާމިނާދީދީ އާ ކައިވެނިކުރެއްވީ ހިރިހަމައިދި ކަލޭގެފާނުގެ އަޙުމަދުދީދީ އެވެ. ލިބިވަޑައިގަތީ ދަފަގެދަރު ބޮޑު ޢަލިދީދީ އާ ދަފަގެދަރު ޢާއިޝާދީދީ އެވެ. 

މިކައިވެނިތަކުގައި މި ބޭފުޅުން ތިއްބަވަނިކޮށް އާމިނާދީދީ އަވަހާރަވީއެވެ. އަވަހާރަވީއިރު އާމިނާދީދީ އާ ފިރިކަލުން ހިރިހަމައިދި ކަލޭގެފާނުގެ އަޙުމަދުދީދީ އާ ދެމަފިރިކަނބަލުންގެ 2 ބޭފުޅުން ތިއްބެވުމުން އެބޭފުޅުން ރަނގަޅަށް ބެއްލެވުމުގެ ގޮތުން ނަމަވެސް (އާމިނާދީދީގެ ދައްތަ ޢާއިޝާދީދީ ކަރެއްޔަ މުޙައްމަދުދީދީގެ އަރިހުން ވަރިކުރުއްވައިގެން) ޢާއިޝާދީދީ އާ ހިރިހަމައިދި ކަލޭގެފާނުގެ އަޙުމަދުދީދީ ކައިވެނިކުރެއްވިއެވެ. މިކައިވެނިކުރެއްވި އިރު ކަރެއްޔަ މުޙައްމަދު ދީދީ އާ ޢާއިޝާދީދީ އާ ދެމަފިރިކަނބަލުންގެ ފިރިހެން 1 ބޭފުޅަކު ހުންނެވިއެވެ. އެއީ މަޝްހޫރު ދަފަގެދަރު ކުޑަ ޢަލިދީދީ އެވެ. އެކައިވެނިން މި އަޙުމަދުދީދީ އާ ޢާއިޝާދީދީ އާ ދެމަފިރިކަނބަލުންނަށް ލިބިވަޑައިގަތީ ދަފަގެދަރު މަރިޔަމްދީދީ އަދި ދަފަގެދަރު ފާޠިމާދީދީ އެވެ.
("ދިހެރޭމަގު" ފާޠިމާ މަނިކެ އާ ކިލެގެފާނުގެ އަޙުމަދުދީދީ އާ ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި 2 ބޭފުޅުންގެ ތެރެއިން ޢާއިޝާދީދީގެ 3 ބޭފުޅުންގެ ވެސް ދަރިފަސްކޮޅެއް ނެތެވެ.) 

ޤާޟީ އިބްރާހިމް މަޖުދުއްދީން އާ "ދިހެރޭމަގު" ފާޠިމާ މަނިކެގެ ދަރިކަލުން އައްނާއިބު މުޙައްމަދު މަނިކު ކައިވެނިކުރެއްވީ ކިލެގެފާނުގެ އަޙުމަދުދީދީގެ ދޫނޑޭރެ ޢަލިދީދީ އާ ކިލެގެފާނުގެ ޙުސޭންދީދީގެ ދޮންދީދީ އާ ދެމަފިރިކަނބަލުންނަށް ލިބިވަޑައިގަތް އާމިނާދީދީ އާ އެވެ. (މި އާމިނާދީދީ ގެ މަންމަ ދޮންދީދީ އާ މުޙައްމަދު ހިރިހަމައިދި ކަލޭގެފާނު ކައިވެނިކުރެއްވީ ދޫނޑޭރެ ޢަލިދީދީ އަވަހާރަވުމުންނެވެ. މިއީ ހިރިހަމައިދި ކަލޭގެފާނު 2 ވަނައަށް ކައިވެނިކުރައްވައިގެން 5 ބޭފުޅުން ލިބިވަޑައިގަތް އަނބިކަނބަލެކެވެ.)
އައްނާއިބު މުޙައްމަދު މަނިކާއި އާމިނާދީދީ އާ ދެމަފިރިކަނބަލުންނަށް ލިބިވަޑައިގަތީ ޢަލިދީދީ، އަޙުމަދުދީދީ، ފާޠިމާދީދީ، ޢާއިޝާދީދީ، އަދި އިބްރާހީމް ފަހުމީދީދީ (ދޮން ތުއްތުދީދީ) އެވެ. މިބޭފުޅުންގެ ނަމުގެ ކުރިއަށް "ދޫނޑޭރެ" ކިޔައި އުޅެއެވެ. އެއީ މިބޭފުޅުންގެ މަންމަ އާމިނާދީދީ އަކީ ކިލެގެފާނުގެ އަޙުމަދުދީދީގެ "ދޫނޑޭރެ" ޢަލިދީދީގެ ބޭފުޅަކަށް ވުމުންނެވެ. "ދޫނޑޭރެ" އަކީ ޢަލިދީދީގެ މަންމަގެ ގެއަށް ކިޔާ ނަމެވެ. (ދޫނޑޭރެ އަޙުމަދުދީދީގެ ދޮންދީދީގެ ދަރިކަލަކީ މ. ސީނާ އަޙުމަދު ޒާހިރެވެ.)

"ދޫނޑޭރެ" މި ހުރިހާ ބޭފުޅުންގެ މަންމަ އާމިނާދީދީ އަކީ ހިރިހަމައިދި ކަލޭގެފާނުގެ ބޭފުޅުންކަމަށްވާ ވާރު ޢަލިދީދީ،   އަޙުމަދުދީދީ،  މޫސާދީދީ،  އިބްރާހިމްދީދީ،  އަދި ޙަސަންދީދީ ގެ ވެސް އެއްބަނޑު ދައްތައެވެ. އާމިނާދީދީގެ ބައްޕައަކީ ކުރިން ދެންނެވިހެން "ދޫނޑޭރެ" ޢަލިދީދީ އެވެ. މި ހުރިހާ ބޭފުޅުންގެ މަންމައަކީ ވެސް ފުނާޑި ގަނޑުވަރު ދޮންދީދީ ނުވަތަ ކިލެގެފާނުގެ ޙުސޭންދީދީގެ ދޮންދީދީއެވެ. ކިލެގެފާނުގެ ޙުސޭންދީދީގެ ދޮންދީދީ އާ ކިލެގެފާނުގެ އަޙުމަދުދީދީގެ ދޫނޑޭރެ ޢަލިދީދީ އާއި ދެބޭފުޅުން ކައިވެނިކުރެއްވުމުގެ ކުރިން މި ޢަލިދީދީ ކައިވެނިކުރެއްވީ އިބްރާހީމް ރަސްގެފާނުގެ މަރިޔަމް ކަނބާފާނުގެ މުޙައްމަދުދީދީގެ ޙުސޭންދީދީގެ ވަލުދަޑު މަރިޔަމްދީދީ އާ އެވެ. ލިބިވަޑައިގަތީ ޙައްވާދީދީ، ފާޠިމާދީދީ އެވެ. ހުވަދޫ ކަނޑުހުޅުދޫ ކުރީގެ ކަތީބު އިބްރާހިމްދީދީ އަކީ މި ޙައްވާދީދީގެ ޢަލިދީދީގެ ބޭފުޅެކެވެ. ފިޔޯރީ އިރަމާގޭ ޢަބުދުﷲ ޙުސޭންދީދީގެ ބައްޕައަކީ މި ޢަލިދީދީގެ ޙުސޭންދީދީއެވެ.

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ "ދިހެރޭމަގު" ޢާއިޝާ މަނިކެ އާ ކައިވެނިކުރެއްވީ ފުވައްމުލަކު ޙަސަން މާރާދަ ކަލޭގެފާނެވެ. މިބޭފުޅުން ދިރިއުޅުއްވި ގެ އެޅުއްވީ ކުރިން "އަލްގެދަރު" ގެ ހުރި ހުސް ބިމުގައިކަމަށް ވާތީ މި އެޅުއްވި ގެއަށް ކިޔަނީ ވެސް "އަލްގެދަރު" އެވެ. ލިބިވަޑައިގަތް ބޭފުޅުންނަކީ ސަންފާ މަނިކެ، ފާޠިމާ މަނިކެ، ދޮން މަނިކެ، އެޅަ މަނިކެ، އަޙުމަދު ތައްޚާނު، އަދި ޢަލި ތައްޚާނެވެ. މިބޭފުޅުންގެ ނަން ކިޔާއިރު ނަމުގެ ކުރިއަށް މިބޭފުޅުންގެ ޢާއިލީ ގެ "އަލްގެދަރު" ކިޔައި އުޅެއެވެ.

"ދިހެރޭމަގު" ޢާއިޝާ މަނިކެގެ ސަންފާ މަނިކެ އާ ފުރަތަމަ ކައިވެނިކުރެއްވީ ކިލެގެފާނުގެ އާމިނާދީދީގެ ބެރިމަގު އިބްރާހިމްދީދީ އެވެ. ލިބިވަޑައިގަތީ މަރިޔަމްދީދީ، ޙުސޭންދީދީ، މުޙައްމަދުދީދީ އެވެ. (ހުވަދުއަތޮޅުގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެއްކަމަށްވާ ހުވަދޫ ވިލިގިލީ ޝަބްނަމީގޭ އިބްރާހީމް އަނީސަކީ ފަހުން މިދެންނެވި މުޙައްމަދުދީދީގެ ފާޠިމާދީދީގެ ބޭފުޅެކެވެ.) 
"ދިހެރޭމަގު" ޢާއިޝާ މަނިކެގެ ސަންފާ މަނިކެ އާ ދެވަނައަށް ކައިވެނިކުރެއްވީ އައްޑޫ ހުޅުދޫ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ މޫސާ މަނިކުފާނެވެ. ލިބިވަޑައިގަތީ އާމިނާ މަނިކެ އެވެ. އާމިނާ މަނިކެ އާ ފުވައްމުލަކު މަހަމުދޭ ކަލޭގެ ގެ މުޙައްމަދު ތައްޚާނާ ކައިވެނި ކުރައްވައިގެން އަޙުމަދު މަނިކު، ފާޠިމާ މަނިކެ (ޏ. މަރުޖާނުގެ) މަރިޔަމް މަނިކެ ލިބިވަޑައިގަތެވެ. މިބޭފުޅުންގެ ނަން ކިޔާއިރު މިބޭފުޅުންގެ ޢާއިލީ ގޭގެ ނަން "މަހަމުދޭކަލޭ ގެ" ކިޔައި އުޅެއެވެ. ހުޅުދޫ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ މޫސާ މަނިކުފާނު، ހުޅުދޫ އަތިރަގޭ ކަތްދާފާނާއި ކައިވެނިކުރެއްވީ "ދިހެރޭމަގު" ޢާއިޝާ މަނިކެގެ ސަންފާ މަނިކެއަށް ވުރެ ފަހުންނެވެ. 
   
"ދިހެރޭމަގު" ޢާއިޝާ މަނިކެގެ ސަންފާ މަނިކެ އާ ތިންވަނައަށް ކައިވެނިކުރެއްވީ ކިލެގެފާނުގެ މުޙައްމަދުދީދީގެ ފެންފުށީ ގަނޑުވަރު ޢަލިދީދީ އެވެ. ލިބިވަޑައިގަތީ އިބްރާހިމްދީދީ އެވެ. 

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ "ދިހެރޭމަގު" މަރިޔަމް މަނިކެއަށް 1 ކައިވެނިން 1 ބޭފުޅަކު ލިބިވަޑައިގަތެވެ. ދަރިކޮޅު އެބަ އޮތެވެ.

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ މުޙައްމަދު ހިރިހަމައިދި ކަލޭގެފާނުގެ 10 ބޭފުޅުންގެ ތެރެއިން 2 ބޭފުޅުންކަމަށްވާ ޙަސަންދީދީ އާ އިސްމާޢީލްދީދީގެ ދަރިފަސްކޮޅު ނެތެވެ. އަނެއް 8 ބޭފުޅުންގެ ދަރިފަސްކޮޅު އެބަ އޮތެވެ. މަރިޔަމްދީދީ ދިރިއުޅުއްވި ގެއަކީ ފުވައްމުލަކު "މުދިންގެ" ފަހުން "ދޯބެއަގެ" އެވެ. ވާރު ޢަލިދީދީ ދިރިއުޅުއްވީ "ބޮޑުވާރުގޭ"ގަ އެވެ. ފަހުން "ކަރާންގޭ"ގަ އެވެ. އަޙުމަދުދީދީ "ދަފަގެދަރު" އެވެ. މޫސާދީދީ "ހުވަނދަގެ" އެވެ. އިބްރާހިމްދީދީ "ކަނދު މައުގަނޑު"ގަ އެވެ. ޙަސަންދީދީ "ވާރުގޭ"ގަ އެވެ. ޢަބުދުﷲ ދީދީ، އިސްމާޢީލްދީދީ، ތުއްތުދީދީ ދިރިއުޅުއްވީ "އައްޑޫގޭ"ގައެވެ. 

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ ފާޠިމާ މަނިކެގެ 5 ބޭފުޅުންގެ ތެރެއިން ޢާއިޝާދީދީގެ ދަރިފަސްކޮޅު ނެތެވެ. މި ބޭފުޅުންގެތެރެއިން މުޙައްމަދު މަނިކު (ދޮންމަނިކު) ދިރިއުޅުއްވީ "ދޫނޑޭރެ"ގައެވެ. ކަތްދާ މަނިކެ އައްޑޫ މީދޫ "އެޅަގެ"ގައެވެ. އެޅަ މަނިކު ފުވައްމުލަކު "ތުއްބީގެ" ("ތުއްބީފާނިން ގެދަރި") މި ގޭގޭގަ އެވެ. ފާޠިމާ މަނިކެގެ 5 ބޭފުޅުންގެ ތެރެއިން ކަތްދާ މަނިކެ އާ ކައިވެނިކުރެއްވީ އައްޑޫ މީދޫ ގަނޑުވަރު ޙަސަންދީދީގެ އެޅަގޭ ޢަބުދުﷲ ދީދީ އެވެ. (ކަތްދާ މަނިކެގެ ދަރިފަސްކޮޅަށް ބަލާއިރު އެދަރިކޮޅުގައި ތަޢުލީމީ ވަރަށް ޤާބިލް ބޭފުޅުން އެބަ ތިއްބެވިއެވެ. އޭގެތެރޭ ޕީ.އެޗް.ޑީ އަދި މާސްޓަރޒް ގެ ބޭފުޅުން ވެސް ހިމެނެއެވެ.) 

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ ޢާއިޝާ މަނިކެގެ ބޭފުޅުން ތިއްބެވީ ފާޠިމާ މަނިކެ "ހުވަނދަގެ" އެހެންބޭފުޅުން "އަލްގެދަރު" ގަ އެވެ. މި ބޭފުޅުންގެ ތެރެއިން ދަރިކޮޅުފަސްކޮޅު އޮތީ ސަންފާ މަނިކެ، ފާޠިމާ މަނިކެ، ދޮންމަނިކެ، އަދި އެޅަ މަނިކެ، މި 4 ބޭފުޅުންގެ އެވެ.

ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކުގެ މަރިޔަމް މަނިކެގެ 1 ބޭފުޅެއްގެ ދަރިފަސްކޮޅު އެބަ އޮތެވެ. އޭނާ ދިރިއުޅުއްވީ ފުވައްމުލަކު "ދިހެރޭމަގު" ގައެވެ.

ނޯޓެއް:
ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަކީ ޤާޟީ އިބްރާހީމް މަޖުދުއްދީނާއި މުލަކު ދިހެރޭމަގު (ދަފަގެދަރު) ފާޠިމާ މަނިކެގެ ދަރިކަލެއްކަމަށް ބައެއް ލިޔުންތަކުގައި ލިޔެފައި ހުރުމުން އެކަމުގެ ސަބަބުން ވަރަށްގިނަ ބޭފުޅުންނަށް ބޮޑެތި އޮޅުންތައް އަރައެވެ. އެއީ ރަނގަޅަށް ލިޔެފައިވާ ޢާއިލީ ވަނަވަރެއް ނޫނެވެ. ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި މިކަމާއިބެހޭ ބައެއް ނުކުތާ ދަންނަވައިލާނަމެވެ. 

1.  ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަކީ މުލަކު ދިހެރޭމަގު (ދަފަގެދަރު) ފާޠިމާ މަނިކެގެ ދަރިކަލެއް ނޫންކަން އެނގޭ އެންމެބޮޑު ހެއްކަކީ ފާޠިމާ މަނިކެ އާ ކިލެގެފާނުގެ އަޙުމަދުދީދީ ކައިވެނިކުރެއްވައިގެން ލިބިވަޑައިގަތް އާމިނާދީދީ އާ އަދި ޢާއިޝާދީދީ އާ ދެ ބޭފުޅުންނާ އެއްބޭފުޅަކަށް ފަހު އަނެއް ބޭފުޅަކާ ހިރިހަމައިދި ކަލޭގެފާނުގެ އަޙުމަދުދީދީ ކައިވެނިކުރައްވައި ބޭފުޅުން ލިބިވަޑައިގަތް ކަމެވެ. މިލިޔުމުން އެކަން އެނގޭނެއެވެ. ހިރިހަމައިދި ކަލޭގެފާނަކީ "ދިހެރޭމަގު" ފަހުން "ދަފަގެދަރު" ފާތިމާ މަނިކެގެ ބޭފުޅަކަށް ވާނަމަ އެއީ ނުކުރެވޭނޭ ކަމެކެވެ. ބައްޕަޔާއި އެއްބަނޑު އަންހެނުންނާއި އެ ބައްޕަގެ ދަރިންނަކަށް ކައިވެނި ނުކުރެވޭނެއެވެ. އެކައިވެނި ކުރެވުނީ ދެބެންގެ ދެދަރި ބޭފުޅުންނަށް ވުމުންނެވެ. ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނާ ފުވައްމުލަކު ދިހެރޭމަގި (ދަފަގެދަރު) ފާޠިމާ މަނިކާ މިއީ އެއްބަނޑު އެއްބައްޕަ ދެ ބޭފުޅުންނެވެ.

2. ދަރިކޮޅުތަކުގެ (ޚާއްޞަކޮށް އައްޑޫ ފުވައްމުލަކުގެ) މަޢުލޫމާތު މުއްސަނދި 3 ބޭފުޅުންކަމަށްވާ ފުވައްމުލަކު ވިދުވަރުގޭ ޢަލިދީދީ އާ ޤާޟީ އިބްރާހީމް މަޖުދުއްދީނާއި މުލަކު "ދިހެރޭމަގު" ފަހުން "ދަފަގެދަރު" ފާތިމާ މަނިކެ އާ ދެމަފިރިކަނބަލުންގެ ޢާއިލާގެ ބޭފުޅެއްކަމަށްވާ މީދޫ ޢަންބަރީވިލާ އަޙުމަދު ނާޞިޙު އާ އަދި ޤާޟީ އިބްރާހިމް މަޖުދުއްދީނާއި ހުޅުދޫ އަތިރަގޭ އާމިނާ މަނިކެފާނާ ދެމަފިރިކަނބަލުންގެ ޢާއިލާގެ ބޭފުޅެއްކަމަށްވާ އިޔާޒު ނަސީމު ވެސް ވިދާޅުވަނީ ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަކީ ޤާޟީ އިބްރާހީމް މަޖުދުއްދީނާއި މުލަކު ދަފަގެދަރު ފާތިމާ މަނިކެ އާ ދެމަފިރިކަނބަލުންގެ ދަރިކަލެއް ނޫން ކަމަށެވެ. އެއީ ވައުރުލު ދިހެރޭގޭ މުޙައްމަދު މަނިކުގެ ދޮން ޢަލިމަނިކު ފުވައްމުލަކަށް ވަޑައިގެން ކައިވެނިކުރެއްވި އެރަށު ބަނޑިޔައި ޙައްވާ ކަނބުލޭގެފާނާ ދެމަފިރިކަނބަލުންގެ ބޭފުޅެއްކަމަށެވެ. ހިރިހަމައިދި ކަލޭގެފާނަކީ "ދިހެރޭމަގު" ފަހުން "ދަފަގެދަރު" ފާތިމާ މަނިކެގެ އެއްބަނޑު އެއްބައްޕަ ބޭބެ ކަމަށެވެ. 

3. ހުވަދޫ ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ އެކިއެކި ޢާއިލީ ވަނަވަރުތައް ލިޔުއްވާއިރު އޭނާ ހިމެނޭ ޢާއިލާއެއްގެ ބަޔަކާ ޢާއިލީގޮތުން އެހެންބަޔެއް ގުޅޭނަމަ (އެބަޔަކާއި ޙަސަން ޙިލްމީ އާ ތިމާގެނޫން ވިޔަސް) އެބަޔެއްގެ ވަނަވަރު ވެސް ސައިޑް ފެމިލީއެއްގެ ގޮތަށް ލިޔުއްވާފައި ހުރެއެވެ. އެހެންނަމަވެސް ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަކީ ޤާޟީ އިބްރާހިމް މަޖުދުއްދީނާ "ދިހެރޭމަގު" ފަހުން "ދަފަގެދަރު" ފާތިމާ މަނިކެގެ ބޭފުޅެއްކަން އެނގޭނޭ އެއްވެސް ލިޔުމެއް އޭނާ ލިޔުއްވާފައި ނުވެއެވެ. އެކަމެއް ފެންނާކަށް ނެތެވެ. އޭގެ ބައެއް ކަންކަން ދަންނަވައިލާނަމެވެ.

(ހ) ޤާޟީ އިބްރާހީމް މަޖުދުއްދީނާއި ހުޅުދޫ އަތިރަގޭ އާމިނާފާނާއި ދެމަފިރިކަނބަލުންގެ ބޭފުޅުންނަކީ ދެށިނާގޭ އަލްޤާޟީ އިސްމާޢީލް ބަހާއުއްދީނާއި، ދެށިނާގޭ އައްނާއިބު ޢަލި މަނިކާއި، ދެށިނާގޭ މޫސާ މަނިކާއި، ދެށިނާގޭ (ފާޠިމާ) ދޮންމަނިކެ އާއި، ދެށިނާގޭ ޙައްވާ މަނިކެ އާއި، ދެށިނާގޭ އައްނާއިބު އަޙުމަދު މަނިކާއި، އަދި ދެށިނާގޭ އައްނާއިބު (ޙަސަން) ތުއްތު މަނިކު އެވެ. ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނަކީ ޤާޟީ އިބްރާހީމް މަޖުދުއްދީންގެ ބޭފުޅެއް ނަމަ އެއީ މިދެންނެވި ބޭފުޅުންނާއި އެއްބައްޕަ ބޭފުޅަކަށްވާނެ އެވެ. ނަމަވެސް ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނަކީ މި ބޭފުޅުންނާ އެއްބައްޕަ ބޭފުޅެއްކަމަށް ވަނަވަރުގައި ޙަސަން ޙިލްމީ ލިޔުއްވާފައި ނުވެއެވެ. ދެށިނާގޭ މި ހުރިހާ ބޭފުޅުންނަކީ ޙަސަން ޙިލްމީގެ ބައްޕަގެ މަންމަ އާ ދެބެންގެ ދެދަރި އެހާ ތިމާގެ ބޭފުޅުންނެވެ. ޙަސަން ޙިލްމީގެ ބައްޕައަކީ މި ބޭފުޅުންގެ މަންމަ ހުޅުދޫ އަތިރަގޭ އާމިނާފާނާއި އެއްބަޑު އެއްބައްޕަ ހުޅުދޫ އަތިރަގޭ ކަތްދާފާނުގެ ޢަލި މަނިކުފާނެވެ. 

(ށ) މުޙައްމަދު ހިރިހަމައިދި ކަލޭގެފާނުގެ ދަރިކަލުން އައްޑޫގޭ ޢަބުދުﷲ ދީދީ ފުރަތަމަ ކައިވެނިކުރެއްވީ ހުޅުދޫ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ މޫސާ މަނިކުފާނުގެ ދޮންދީދީގެ މަރިޔަމްދީދީއާ އެވެ. މި މަރިޔަމްދީދީ އާ ޙަސަން ޙިލްމީ އާ ދެބެންގެ ދެދަރިއެވެ. އައްޑޫގޭ ޢަބުދުﷲ ދީދީ ދެވަނައަށް ކައިވެނިކުރެއްވީ ކިލެގެފާނުގެ ޢާއިޝާދީދީގެ ދޮންދީދީ (ކޮނޑޭދީދީ) ގެ އިބްރާހިމްދީދީގެ ޚަދީޖާދީދީ (ދެއްވަދޫ ގަނޑުވަރުދީދީ) ގެ އިސްމާޢީލްދީދީގެ މުޙައްމަދު ދީދީގެ އާމިނާދީދީ އާ އެވެ. މި އާމިނާދީދީ އާ ޙަސަން ޙިލްމީގެ މަންމަ ދޮންދީދީ އާ އެއްބަނޑު އެއްބައްޕަ އެވެ. އައްޑޫގޭ ޢަބުދުﷲ ދީދީ ތިންވަނައަށް ކައިވެނިކުރެއްވި ހަވަރުތިނަދޫ މަރިޔަމް ޙަސަން (ރެކިދައްތަ) އަކީ ޙަސަން ޙިލްމީގެ ގާތް އަވައްޓެރި ބޭކަނބަލެކެވެ. އެހެންނަމަވެސް މީގެ އެއްވެސް ވަނަވަރެއްގައި އައްޑޫގޭ ޢަބުދުﷲ ދީދީގެ ބައްޕަ ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނަކީ ޤާޟީ އިބްރާހިމް މަޖުދުއްދީނާ "ދިހެރޭމަގު" ފަހުން "ދަފަގެދަރު" ފާތިމާ މަނިކެގެ ބޭފުޅެއްކަމަށް ޙަސަން ޙިލްމީ ލިޔުއްވާފައި ނުވެއެވެ.

މަތިވެރި ﷲ ފުވައްމުލަކު މުޙައްމަދު ހިރިހަމައިދި ކަލޭގެފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ! އާމީން!
               -------------------------

ޢަބުދުﷲ ޙިލްމީ
21 އޯގަސްޓް 2012މ.
މަޢުލޫމާތުގެ ޙިއްޞާ:
ޢަލިދީދީ، ވިދުވަރުގެ/ ފުވައްމުލައް
ޙަސަން ޙިލްމީ، ޖަނަވަރީގެ/ ގދ. ތިނަދޫ ގެ ލިޔުއްވުން