ޞޯދުބެ އުފެއްދެވި ސުވާލަށް ފަނަރަ އަހަރުގެ ފަހުން ޖަވާބު












އަޅުގަނޑުގެ ރައްޓެހި ބޭފުޅަކު ފޯނު ކުރައްވައި ވިދާޅުވިއެވެ. 
"ލިޔުންތެރިންގެ ގުޅުން، ވެބްސައިޓަށް އެއްޗެއް ލިޔަން އުޅެ ބަލާށެވެ. އެއީ ވަރަށްގިނަ މަޢުލޫމާތު ލިބޭ، ބަހާއި އަދަބުގެ ވެސް ސައިޓެކެވެ." 

އަޅުގަނޑު ދެންނެވީމެވެ. 
"ތިޔަ ސައިޓުގެ ނަން އެ ބުނަނީ އެ ސައިޓަކީ އަޅުގަނޑުމެން ކަހަލަ މީހުންގެ ސައިޓެއް ނޫނެވެ. އަނެއްކާ ތިޔަ ވިދާޅުވިހެން ބަހާއި އަދަބުގެ ކަންތައް އެހާ ބޮޑަށް އޭގައި ހުރެއްޖެ ނަމަ އެޔާ ގާތްވާކަށް ނުކެރޭނެއެވެ." 

ސަމާސާގޮތަކަށް މިހެން ދަންނަވައިފައި ހުއްޓައި  ހަޔެއްކަ ދުވަސް ފަހުން އަނެއްކާ ވެސް އެ ބޭފުޅަކު ގުޅުއްވައި ލެއްވިއެވެ. އެއްސެވިއެވެ. 
"ކޮބާ ލިޔެފިން ހެއްޔެވެ. އޭގައި ޞޯދުބެމެން ވެސް އެބަ އުޅުއްވައެވެ."

އަޅުގަނޑު ދެންނެވީމެވެ. 
"މިހުރީ އޭގެ ފެންވަރު ހުއްޓަސް، އަޅުގަނޑުގެ ފެންވަރެއް ނެތީމައެވެ. އެކަމަކު ތިޔަ ވީގޮތުން އޭގައި ޞޯދުބެ އުޅުއްވަންޏާ ޞޯދުބެއަށް އަރުވަން ޖެހޭ ޖަވާބެއް އެބަ އޮތެވެ. ތަންކޮޅެއް ކުރިން ޞޯދުބެ އުފެއްދެވި ސުވާލަކަށް އަދި މިހާތަނަށް ޖަވާބެއް ލިބިވަޑައިގެންފައި ނޯންނާނެހެން ހީވެއެވެ. އެހެންވީމާ، އެކަމާ އުޅޭނަމެވެ."

މީގެ އަހަރު ތަކެއްގެ ކުރިން “ހަވީރު” ނޫހުގައި ބައެއް ކަހަލަ ޅެންތަކުގެ ކުޅިމީރާ އެކީ ހަވީރު ކުރައްވަމުން ޞޯދުބެ ގެންދެވިއެވެ. އެކަމަށްޓަކައި ޞޯދުބެ ޅެން ހޮއްވަވަނީ ކޮންގޮތަކުން ބައްލަވާފައި ކަން އެނގިވަޑައިގަންނަވާނީ ހަމަ ޞޯދުބެ އަށެވެ. މިދެންނެވި ގޮތުން އެއް ދުވަހެއްގެ ނޫހުގައި “އާނކިޔާ އުޅުނު ހިތްވަރެއް” ހަވީރު ކުރެއްވުމުގެ ތެރޭ އެ ހިތްވަރު ފަހުން ނެތިގެން ދޯނިގަނޑު ހަލާކުވުމުން އެލިބުނު ބޮޑު ދެރައިގެ ވާހަކަ ދައްކާފައި އެވަނީ ކާކުތޯ ސުވާލު އުފެއްދެވިއެވެ. އެކަން އަޅުގަނޑަށް އެނގުނީ ދުވަސްކޮޅެއް ފަހުންނެވެ.

މިދެންނެވި ކަންތައް ހިނގައިފައި އޮއްވައި، ބަހާއި ތާރީޚާ ބެހޭ މަރުކަޒުގެ ޓީމެއްގައި ޞޯދުބެ ތިނަދޫއަށް ވަޑައިގަތެވެ. މުއުމިނާ ޢަބުދުލްޤައްޔޫމާއި، އަޙުމަދު ޝަކީބާއި،  ހޯރަފުށީ މުޙައްމަދު ސަލީމާއި މި ބޭބޭފުޅުން ވެސް އެޓީމްގައި އުޅުއްވި ހަނދާން ވެއެވެ. އެ ދުވަސްވަރު އަޅުގަނޑު އުޅުނު ވަޒީފާއާ ގުޅޭ ކަމަކަށް ވީމާ، އެޓީމްގެ ކަންތައް ތަކުގައި އެ ބޭފުޅުންގެ އަރިހުގައި ގިނަވަގުތު އުޅެން ވެސް ޖެހުނެވެ. ނަމަވެސް އެއްކަލަ ޞޯދުބެ އުފެއްދެވި ސުވާލަށް ޖަވާބެއް އަރުވަން ހަނދާނެއް ނުވިއެވެ. އަނެއްކާ އިނގިރޭސި ޕްރިންސަސް ޑަޔާނާ ކުއްލިއަކަށް އަވަހާރަވެ، ފަސްދާނު ލުމުގެ ލައިވް ވެބްކާސްޓް އެ ބޭފުޅުން ބެއްލެވީ ވެސް އަޅުގަނޑާ އެކީ އަޅުގަނޑުމެންގެ ގޭގައެވެ. އެ ކަން ހިނގަމުން ދިޔައިރު އާދައިގެ މީހަކު އެހެން ކުޑަކުޑަ ކަމެއްގެ ހަނދާނެއް ވެސް ނުވާނެއެވެ. އެއީ ވަރަށްބޮޑު ކަންތައް ގަނޑެކެވެ. އެހެން ވުމުން ޞޯދުބޭގެ އެ ދަތުރުގައި ޖަވާބެއް އެރުވޭނޭ ގޮތެއް ނުވެ، މިހާތަނަށް ފަނަރަ އަހަރުވީއެވެ. މިއީ މިކަހަލަ އާދައިގެ ކަމެއްގައި ކުޑަ މުއްދަތެއް ނޫނެވެ.

ރިޔަލުގައި ދުއްވަން ބަނދެފައިވާ ރުއްވަކަރު ނުވަތަ އެހެން ލަކުޑި ދޯންޏެއްގައި އިންޖީނެއް ބަހައްޓައިގެން ދުއްވިނަމަ ވެސް އެއީ އިންޖީނުގައި އެންމެ ރަނގަޅަށް ދުއްވޭނޭ ހެން ބަނދެފައިވާ ދޯންޏަކަށް ނުވެއެވެ. އެހެން ވިޔަސް އިންޖީނެއް ލިބެން އޮތްނަމަ، އަވަހަށް ދޯނި މާލެ ގެންގޮސް އޭގެ “ބުރި ކަނޑައި” އެތާނގައި ބުރަފައްޗެއް އެނބުރޭނޭ އިންޖީނެއް ދޯނީގައި އަޅައިގެން މަހަށް ދެވޭތޯ އުޅުނު އޮޑިވެރިން ރާއްޖޭގައި މަދެއް ނުވާނެއެވެ. އެކަމަކު، އިންޖީނުގައި ދުއްވައިގެން ބާނާ މަހަށް ލިބޭ ފައިސާއިން ފަޅުވެރިންނަށް ދޭންޖެހޭ އެއްޗެއް ދީފައި މަސް ނުބާނާ ދުވަހަކު އިންޖީނަށް އަޅާނެ ތެޔޮ ގަންނާނެ ފައިސާ ނުހުންނާނެތީވެ، އެއްކަލަ ގޮތަށް “ބުރި ކަނޑައި”ގެން އިންޖީނު އަޅަން ބޭނުން ނުވާ ވާހަކަ ދެއްކި އޮޑިވެރިން ވެސް ރާއްޖޭގައި ތިއްބެވެ. އަދި ދޯނީގެ އިންޖީނުގެ އަޑު ގަދަކަމުން ދޯންޏާއި މަސްއައިނާ ކައިރިވުމުގެ މާކުރިން  ބޯ ޖެހިތާ ނަގޫ ޖަހައިފައި މަސްކޮޅު ދުވެ ރައްކާވާނެތީ “ބުރި ކަނޑައި”ގެން އިންޖީނު އަޅަން ބޭނުން ނުވާ ވާހަކަ ދެއްކި އޮޑިވެރިން ވެސް ތިއްބެވެ.

ނަމަވެސް ކަން ހިނގި ގޮތަކީ އިންޖީނު ދޯނިފަހަރު ރާއްޖެއަށް ތަޢާރަފްވެ، 1976 ވަނަ އަހަރާ ހަމައަށް އައިއިރު އިންޖީނު ދޯންޏެއްގައި ނޫނީ ގަޔާ ވެގެން މަހަށްދާނެ އެއްވެސްމީހެއް ނެތެވެ. ތިނަދޫގައި ޢަމުދުން ނެތްކަން ޔަޤީނެވެ. އިންޖީނު ދޯނީގެ ހަލުވި ދުވެއްޔާއި އޭގެ މަސްވެރިކަމުގެ ފައިދާ ފެނުނީމާ ވާންވީ ގޮތް ވީއެވެ. އިންޖީނުގެ ބޭނުންތެރިކަން ބޮޑުވީއެވެ.

ދޯނި ފަހަރަށް އިންޖީނު ލިބެން އޮތްއިރު އެކަމާ އަޅައިލައި ނޫޅެވުމުގެ ސަބަބުން އިންޖީނެއް ނުލިބި މަހަށް ފުރޭނޭ އެއްވެސް ގޮތެއް ނެތިގެން ބޭނުމެއް ނުކުރެވި ހަލާކުވެ ފީވެ ދިޔަ ދޯނިތައް ވެސް ހުއްޓެވެ. އެހެންވީމާ ރިޔާނެގި ދޯންޏާއިގެން އާނކިޔައި އުޅުނު ހިތްވަރު ވަކިހިސާބަކުން  ނެތުނީއެވެ. “ބާ ހިޔާގަނޑުތެރޭ ހުރެހުރެ ދޯނި ކިލާވީ އެވެ. އާ ރިޔާ ހޯދި މޮޔަ ހީވީ އެވެ. ބުރަފައްޗެއް ނުއެބުރޭތީވެ، މަހަށް ދާނެ ހަމަ އެކަކު ވެސް ނުވީއެވެ.”

އަޅުގަނޑަކީ ޅެންވެރިއެކޭ މީހުން ބުނާ ކަހަލަ މީހަކީމެއް ނޫނެވެ. އެކަން އަޅުގަނޑަށް ޔަޤީން ކުރެވެއެވެ. އެކަމަކު 1976 ހާ ތާނގައި ރިޔަލުގައި މަހަށް ފުރޭތޯ ހިތްވަރު ކުރި ދޯނި ފަހަރަށް ލިބުނު ގެއްލުމަކީ އެންމެނަށް ވެސް ލިބުނު ގެއްލުމަކަށް ވާތީ އެކަން ހިނގިގޮތް ކޮންމެވެސް ސިފައެއްގައި ބުނެދެވޭތޯ އުޅެވުނީއެވެ. މިފަދަ އެހެން ކަމެއްގެ ވާހަކަ ބުނެދެވޭތޯ ދެން އުޅުނަސް، އެއީ އަޅުގަނޑަށް ފަސޭހައިން ވާނޭ ކަމެއް ވެސް ނޫނެވެ. 
                                                   
                    އާނކިޔައި އުޅުނު ހިތްވަރު (1976)
               
އާނކިޔާ އުޅުނު ހިތްވަރު ނެތިއްޖޭ ފިލާ، ބާހިޔާގަނޑުތެރޭ ދޯނި ވާތީ ކިލާ
      އާރިޔާ ހޯދި މޮޔަ ހީވެޔޭ ހިތް މިލާ،  ލާރިޔާ ދޭ ބިލާ ފެނި އެކަކު ނުވި ހިލާ

އެންދަމަން އިރުއަރާއިރު ދެވޭތޯ މަވާ
      މެންދަމާ ތެދުވެގެން ކުދިވެރިންނަށް ގޮވާ 
            ދެން ދަމާ ތެދުކުރިން ހެޔޮގޮތުންވެސް ބަވާ
                    ފެންދަމާ ޕަމްޕު ނެތުމުން އެކަކުނުވި ހިލާ  

ހާދަ އާދޭހެކޭ ކުދިވެރީނޭ ހިނގާ،  
      ނާ، ދަމާހޭ ގޮދާ ބައިވަރެއް އެބަ ނަގާ
            މާދަމާ އެކަނިވެސް ދެން ބުނީމޭ ހިނގާ،
                   ވާދަމާ ވިންޗް ނެތުމުން އެކަކުނުވި ހިލާ

ދިޔަޖަހާ ރީތި ކުލައިން ޖަރީވެސް ކުރިން
       ހިޔަ ރިތާ ފަލި ރިޔާތައް ބަރާބަރު ކުރިން
           ކިޔެވި ކިޔެވެލި މަހަކު އެއްޚަތިމްވެސް ކުރިން
                  ބިޔަ ދެ ޕިސްޓަން ނެތީމާ، އެކަކު ނުވި ހިލާ

ބުރަކަމެއްމީ ތެދެއް ދިޔަވަތުން ދިޔަ ނަގާ
      ކުރަލައޭ ދެއަތުގާ އެހެރަ ހަންޖާ ނަނގާ
           ފުރަމެ އެހެނަސް ކުރިން ރަށުތެރޭގައި ހިނގާ
              ބުރަފަތެއް”  ނޭނބުރޭތީ،   އެކަކުނުވި ހިލާ
   
ވައިކޮޅަށް ދަތުރުދާ ހޭރިޔާގާ ތެދޭ  
      އައިކޮޅުން ތަންކޮޅެއް ނުދެވި އެގޮތަށް އިނދޭ
            ބައިދުވަސް ވޭތިވާތީ  މިއަދު ގަތްލަދޭ
                    ގައިމު ސާފުޓު ނެތީމާ،  އެކަކު ނުވި ހިލާ

އެކުމަށާ ދާނެ ކުއްޖަކު މިދޯނިން ނެތީ
     އެކުއެކީ ނޫނަކަސް  ފަލި ޖަހަން ވާނެތީ
               އެކުވެރިންނަށް ރިޔާ ފެންލުމަށްވެސް ދަތީ
                   މެކުހަކަށް ނުޖެހިދާތީ އެކަކު  ނުވި ހިލާ

ފަޅުވެރިންނުވެ ފަޅަށް ގިނަވެ، ބާކީވެފާ
      ކަޅު ކަނޑިކި ދިނުމަކުންވެސް މަހަށް ނުފުރިފާ
               އަޅުގަނޑަށް ހުރެވެނީ އާދެ! ސޭކެއްވެފާ
                   ފަޅުފިލާ އަޑު ނެތީމާ، އެކަކު ނުވި ހިލާ!
                  ----------------

ޢަބުދުﷲ ޙިލްމީ
24 އޭޕްރީލް 2012މ.