ތިނަދޫ ދެވަނަ އާބާދީ ފަންސަވީސް


ތިނަދޫ ދެވަނަ އާބާދީ ފަންސަވީސްކަމަށް މިމަޟްމޫނުގައި ލިޔެފައިވަނީ 1962މ.ގައި ހަވަރުތިނަދޫން މީހުންބޭލުމުން 1966މ.ގައި އެ ރަށުގައި ވަޒަންވެރިވީބަޔަކު ވަޒަންވެރިވުމުން އެ އާބާދީއަށް 25 އަހަރު ފުރުމަށެވެ. ބައެއް ލިޔުންތަކާއި ކިޔުންތަކުގައި "ތިނަދޫ އާބާދީ ފަންސަވީސް" ނުވަތަ "ތިނަދޫ އާބާދީމަރުކަޒު" މިގޮތަށް ހުރުމުން އެ ބުނެވޭ އާބާދީ ނިސްބަތްވަނީ ތިނަދޫގައި އެންމެފުރަތަމަ އުޅުނު އާބާދީއަށްތޯ އެހެންނޫނީ އެއީ ތިނަދޫގައި ދެވަނައަށް އުޅުނު އާބާދީއަށްތޯ ސުވާލުއުފެދުން އެކަށީގެންވާތީ ކުރިންވެސް ދެންނެވިގޮތަށް މިމަޟްމޫނުގައި ބޭނުންކޮށްފައިވާ އާބާދީއަކީ 1962މ.ގައި ހަވަރުތިނަދޫން މީހުންބޭލުމުން 1966މ.ގައި އެ ރަށުގައި ވަޒަންވެރިވި އާބާދީއެވެ.

ހަވަރުތިނަދޫ ބިމުގެ ދެވަނަ އާބާދީއަކީ 1962މ. ގައި ހަވަރުތިނަދޫން ބޭލި މީހުން އަނެއްކާ އަނބުރައި އެރަށަށް ގެނެސްގެން އެ މީހުންނަށް ނިސްބަތްކުރެވޭ އާބާދީއެއްނޫނެވެ. ހަވަރުތިނަދޫން ބޭލި މީހުން އެ ރަށަކަށް އަނބުރައި ނުގެންދެއެވެ. ގެންދަން އުޅުނުކަމެއްވެސް އަޅުގަނޑު ނުދެނެހުރީމެވެ. ހުވަދުއަތޮޅުގެ ފަޅުރަށެއްގެގޮތަށް އޮތް ހަވަރުތިނަދޫ ކިޔާ ރަށެއްގައި ވަޒަންވެރިވާން ބޭނުންބަޔަކަށް އެކަމުގެ ފުރުޞަތު ހުޅުވާލީމާ، އެ ރަށަށް ދިޔަބަޔަކު ދިޔައީއެވެ. ނުދިޔަބަޔަކު ނުދިޔައީއެވެ. ޙަގީގަތަކީ މިއެވެ.

ތިނަދޫ ދެވަނަ އާބާދީ ފަންސަވީހުގެ މަސައްކަތް ފަށައި ހިނގަމުންދިޔައިރު ރަށުގެ ފެންވަރުންނާއި އެ މީހެއްގެ ފެންވަރުން އެއްބާރުލުން އެކަމުގައިއޮތް ނަމަވެސް އެ މާޙައުލުގެ ބައެއް ދިމަދިމާލުން ކޮންމެވެސްވަރެއްގެ ތާށިކަމެއް އެކަމުގައިހުއްޓެވެ. ހުރިކަމެއްގައި ހުރި މިންވަރެއްގައެވެ. ނަމަވެސް އޭރުގެ އަތޮޅުވެރިޔާ އަލްފާޟިލް އަޙުމަދު ރަޝީދު މ.ނިޔަމި އާއި ތިނަދޫ ބޮޑުކަތީބު އަލްފާޟިލް އަލްމަރުޙޫމް ޙަސަން ޙިލްމީ ޖަނަވަރީގެ/ ތިނަދޫ އާއި އަދި އެނޫންވެސް ބައެއް ބޭފުޅުން އިސްވެ ތިއްބަވައިގެން ކުރެއްވި މަސައްކަތްތަކުގެ ހަރުދަނާކަމުން އެ ކަންކަން ތިލަފަށަށް މުޅިންނާރައި ދޭތެރެއަކުން ބީހިލައި ފުންވެލައި މިކަހަލަގޮތަކަށް ގޮސް ތިނަދޫ ދެވަނަ އާބާދީ ފަންސަވީހުގެ މަސައްކަތް ނިމުނުގޮތަކަށް ނިމިދިޔައީއެވެ. 

ތިނަދޫ ދެވަނަ އާބާދީ ފަންސަވީސް ފާހަގަކުރި މުނާސަބާގައިވެސް ކިޔާފައިވާ "ފެންމީރުވި" ލަވައާއި ބައެއް ފޮޓޯތައް              -----------------------
ޢަބުދުﷲ ޙިލްމީ
01 ޑިސެމްބަރ 2009މ.